ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންގެ އިތުރުން 31 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި އެ ގޭގެ ގޯތި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުނުން ބުންޏެވެ.
އޭގެ އިތުރުން، ގދ. ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް 24 އަހަރުގެ މީހަކާއި 26 އަހަރު ދެ މީހުން ހައްޔަރު ކޮށްފައިވެއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
ގދ. ތިނަދޫން ފުރައިގެން ގއ.ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި މަހު 16 ވަނަ ދުވަހު ހިންގިއެ އޮޕަރޭޝަނުގައި އެ ފެރީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރުކޮޅު ހޯދާފައިވެއެވެ.
މި މައްސަލަތައް އތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏޭވެ.
ކޮމެންޓު ފޮނުވާ