ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފާތިޙްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މިއީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި 4 ވަނަ މީހާއެވެ. އޭނާ ަހއްޔަރުކޮށްފައިވަނީ ރޭ ބ.ދަރަވަންދޫއިންނެވެ. ފުލުހުން ބުނީ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޭ ބ. ދަރަވަންދޫން ހައްޔަރުކުރި، ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް (23އ) ގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ދީފައިވާކަމަށެވެ.
އެނގިފައިވާގޮތުން ފާތިހު ދަރަވަންދޫއަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އެރަށަށް ދިޔައީ ކައިވެނި ކުރަންކަމަށް އޭނާ ބުނެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެންނެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ކުރިން ތިން މީހަކު ފުލުހުންހައްޔަރުކޮށްފައިވެއެވެ. މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއެވެ.
މީގެ ތެރެއިން ތަހުމީން އަކީ ބޮން ގޮއްވާލި ސައިކަލުގެ ވެރިފަރާތެވެ. އަދި އަދުހަމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ބޮން ގޮއްވާލި މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯދަމުން އަންނަނީ ޖަރުމަންވިލާތުންނެވެ.
ކޮމެންޓު ފޮނުވާ