ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަކުގެ ފާޚާނާއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ޚަބަރު އޮންލައިން"އަށް އެނގިފައިވާގޮތުގައި އޭޑީކޭ ފާޚާނާއިން ފިސްތޯލަ ފެނިފައިވަނީ އެ ހޮސްޕިޓަކުގެ މުވައްޒަފަކަށެވެ. އަދި އެ ފިސްތޯލާގައި ވަނީ ސައިލެންސަރުވެސް ހަރުކޮށްފައެވެ. އަދި އެއީ އެމްއެންޑީއެފްގެ ފިސްތޯލައެއްކަންވެސް އެނގިފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންނާއި ބައްދަލުވުމުގައި ފިސްތޯލައާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެވާހަކަ ދޮގެއް ނުކުރެއެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ މައުލޫމާތު ނުގެނެވޭކަމަށް ވިދާޅުވިއެވެ.
ފިސްތޯލަ ފެނުނު މައްސަލާގައި އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން އެ ހަމަލާ ދޭންއުޅުނުކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ދީފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ މަޢުލޫމާތު އެނގިހުރެ ފިޔަވަޅެއް އޅާފައިނުވާކަމަށްބުނެ ގިނަ ބަޔަކު ވަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވެެއެވެ. އަދި އެމީހުންނާއި ގުޅުންހުރީ ހަރުކަށ ފިކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ