ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލަ އިދިކޮޅުން ކުއްވެރިކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރާ އެމްޑީޕީގެ މެންބަރު އަޙްމަދު ޢިސާ، އޭނާގެ ކުޑަ ދަރިފުޅަށާއި އަންހެނަކަށް އަނިޔާ ކުރުމުން ފުލުހަށް ހުށަހެޅިފައިވާ މައްސަލައަށް 24 ގަޑި އިރު ވެގެން ދިޔަ އިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އެ ޢަމަލާއި، އެ ޢަމަލު ރިޕޯޓު ކުރުމުންވެސް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ބަޔާނުގައިވެއެވެ.
ރާއްޖޭގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު އިންތިހާއަށް ބޮޑުވެ، އެ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ލަސްވަމުން ދާތީ ކަމުގައި މިކޯލިޝަނުން ދެކެމެވެ. އަދި ފަހަކަށް އައިސް އެފަދަ އަނިޔާތައް ހިންގާފައިވާ ފަރާތްތަކުގެ ތެރޭގައި މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ޒިންމާ އާއި ޙަވާލުވެވަޑައިގެން ތިއްބަވާ ނުވަތަ އެފަދަ ފަރާތްތަކާއި ޢާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނޭ ކަމާއި، އަދި މައްސަލައިގެ ވަކި ހިސާބަކުން އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް އޭނާގެ ބަޔާން ބަދަލު ކުރުމަށް މަޖުބޫރު ކުރުވާ ތަންވެސް ދަނީ ފެންނަމުންނެވެ. ނުވަތަ ސިޔާސީ ނުފޫޒުން އެ މައްސަލައެއް އޮބިގެން ދަނީއެވެ. ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކަކީ އެކަންކަން ރިޕޯޓު ކުރެވުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމުގައި މިކޯލިޝަން ޤަބޫލު ކުރަމެވެ.
– ޕީޕީއެމް ޕީއެންސީ ބަޔާން
ޕީޕީއެމްގެ ބަޔާނުގައި އެފަދަ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލާ ހިންގާ ޙަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، އެފަދަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީވެސް ހިތާމަ ކުރާކަމެއްކަމަށް ބުނެފައިވެއެވެ. އެހެންކަމުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އެ ފިޔަވަޅު އެޅުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމަ ތަންފީޒުކޮށް ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން ފެށިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ، އެމައްސަލައެއް ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ލަސް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެފަދަ އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ދޭން ޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އިދިކޮޅުން މިހެން ބުނެފައިވާއިރު، މެންބަރު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި މައްސަލާގައި މިއަދު ވަނީ އޭނާ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕީޖީން ކޯޓުގައި އެދިފައެވެ.
ކޮމެންޓު ފޮނުވާ