އައްޑޫ އިން ހައްޔަރުކުރީ ބޮމާއި ހަތިޔާރު އުފައްދާ ބައެއް: ފުލުހުން

އައްޑޫ އިން ހައްޔަރުކުރީ ބޮމާއި ހަތިޔާރު އުފައްދާ ބައެއް: ފުލުހުން

Author
މުޙައްމަދު ޖިމީ
20 މެއި 2021 01:12
0

އައްޑޫ ސިޓީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިކަން ހާމަކުރީ މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން މާލެއާއި އަތޮޅުތަކުގައި އަންނަނީ ޚާއްޞަ އޮޕަރޭޝަނެއް ހަތިޔާރާއެކު ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން އައްޑޫއިން  މިމަހުގެ 15 ގައި ވަނީ 9 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތަފްސީލް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އައްޑޫއިންހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރާއި ގުޅުންހުރި ބައެއްކަމަށެވެ. އަދި އެމީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށްވެސް ފުލުހުން ބުންޏެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އައްޑޫއާއި މާލެ އަދި އެނޫންވެސް ބައެއް ރަށްތަކުގައ އޮޕަރޭޝަން ހިންގަމުން އަންނަކަމށާއި، މި އޮޕަރޭޝަންތަކުގައި 5 ގެއެއް ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. ނަމަވެސް އަތުލައިގެން ތަކެތީގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުހިމެނޭކަމަށް ބަޝީރު ވިދާޅުވިއެވެ.

ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި ރޭ ވަނީ ބ.ދަރަވަންދޫއިން ހަރުކަށީ ފިކުރަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި 4 ވަނަ މީހާއެވެ. ރޭ ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު 23އ އެވެ.

ފުލުހުން ވަނީ މާލެއިންވެސް ހަރުކަށީ ފިކުރަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ހަރުކަށީ ފުކުރު ފެތުރުމުގެ ތުހުމަތުގައި އަދި ފުލުހުންނާއި ކުރިމަތިލުމުގެ ސަބަބުން 2007 ގައި އދ.ހިމަންދޫއިން ހައްޔަރުކުރި މީހެއްވެސްމެއެވެ. އޭނަގެ މައްޗަށ ްކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. އޭނާއަކީ ހއ.މޮޅަދޫ ޢުމުރުން 49 އަހަރުގެ އަބްދުﷲ އަލީ މަނިކެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިން ވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ގެތަކާއި ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު ލިބުނު މައުލޫމާތަކައި ގުޅިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.