ރޭ ހައްޔަރުކުރީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި މީހެއް

ރޭ ހައްޔަރުކުރީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި މީހެއް

Author
މުޙައްމަދު ޖިމީ
20 މެއި 2021 12:36
0

ރޭ ބ.ދަރަވަންދުއިން ހައްޔަރުކުރި މީހާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅުންހުރި މީހެއްކަމަށް ފުލުހުން ބުނެފިއެވެ. ރޭ ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު 23އ އެވެ. ރޭ ދަރަވަންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއް އޭނާ ހައްޔަރުކޮށްފައި ވީނަމަވެސް އިތުރު ތަފްސީލް ފުލުހުން ނުދެއެވެ.

ނަމަވެސް އެނގިފައިވާގޮތުން ފާތިހު ދަރަވަންދޫއަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އެރަށަށް ދިޔައީ ކައިވެނި ކުރަންކަމަށް އޭނާ ބުނެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެންނެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ޓެރަރިސްޓް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 3 މީހުން

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ކުރިން ތިން މީހަކު ފުލުހުންހައްޔަރުކޮށްފައިވެއެވެ.  މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއެވެ.

މީގެ ތެރެއިން ތަހުމީން އަކީ ބޮން ގޮއްވާލި ސައިކަލުގެ ވެރިފަރާތެވެ. އަދި އަދުހަމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ބޮން ގޮއްވާލި މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯދަމުން އަންނަނީ ޖަރުމަންވިލާތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.