ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާދިނުމަށް ފަންޑުކުރި މީހުން ހޯދާ ބަޔަކަށް ފައިސާގެ އިނާމު ދިނުމަށް މަޖިލީހުން އިއުލާންކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ގޮވާލައްވައިފއެވެ.
މިމަހުގެ 6 ވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާން ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއަށް 12 ދުވަސް ވެގެން ދިޔައިރު އެ ބޮން ހަދަން ފައިސާ ޚަރަދު ކުރި މީހުން ހޯދިފައިނުވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު ވަނީ، ސައިކަލުގައި ބޮން ހަރުކޮށް އެތަނަށް އެ ސައިކަލް އައިގޮތުގެ އެއްވެސް ކަމެއް ބެލިފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ސްކޫލް ދައުރު ނިންމިގޮތަށް ފުލުހުންނަށާއި، ސިފައިންނަށް ޚިދުމަތްކުރާތާ އެތައް އަހަރެއްވީ އޮފިޝަލުން އެ މުއައްސަސާތަކުގައި އެބަތިބިކަމަށާއި، މުޅި ރާއްޖެއާއި މާލޭގެ ހަގީގަތް އެބޭފުޅުންނަށް އެނގޭނެކަމަށެވެ. އަދި އެފަދަ ވާހަކަ ދައްކާ މީހުންވެސް އެނގޭނެކަމަށާއި، އެފަދަ މައުލޫމާތު އެނގޭ މީހުން ސަރުކާރުގައިވެސް ތިއްބަވާނެކަމަށް ޝިޔާން ވިދާޅުވިއެވެ.
ނަމަވެސް މިހާތަނަށްވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިންހަމަލާއަށް ފަންޑުކުރިމީހުން ހޯދިފައިނުވާތީ، އެކަމަށް ފަނޑުކުރި މީހުން ހޯދުމަށް މަޖިލީހުން ޢާންމުކޮށް އިއުލާންކުރުމަށް މެންބަރު ގޮވާލެއްވިއެވެ. އަދި މެންބަރުންގެ މުސާރައިން ޚަރަދުކޮށްގެންވެސް، އެ ބަޔަކު ހޯދާ މީހަކަށް އިނާމު ހުށައެޅުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ފަންޑުކުރި ފަރާތްތައް މަޖިލީހަސް ނުހޯދޭކަމަށްވާނަމަ، މި އިއްޒަތްތެރި މަޖިލީހުގެ މުސާރަ އަޅުގަނޑުމެންގެ އެއްމަހުގެ މުސާރަހުރިހާ މެންބަރުން ދީގެންނަމަވެސް މިކަން ހޯދޭނެ ގޮތެއް އެބަ ބަލަންޖެހޭ. އިއްޒަތެރި ރައީސް މަނިކުފާނު މިކަން އެބަ އިއުލާންކުރަންޖެހޭ. ޢާންމުކޮށް އިއުލާންކުރަންޖެހޭ. ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަނޑުކުރި މީޙުން ހޯދާ ފަރާތަކަށް އިނާމު ދޭނެކަމަށް.
– ޙަސަން ޝިޔާން
ޝިޔާން ވަނީ، މަޖިލީހުގެ ރައީސް ނަޝީދު ރިޔާސަތުގައި އިންނެވިނަމަ، އެ ހަމަލަ ދިނުމުގައި ޝާމިލްވި އެންމެން މިހާރު ހޯދާފައިވާނެކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލިކަމަށް ބުނާ މީހާވެސް ހިމެނެއެވެ. ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އިތުރު ބަޔަކުވެސް ތިބޭނެކަމަށް ބެލެވޭކަމަށް ތަހުގީގީ އިދާރާތަކުން ވެސް ބުނެފައި ވީނަމަވެސް އިތުރު ބަޔަކު ހައްޔަރުކުރިކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ، އެ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރާއި ހިއްސާކޮށްފައިވަނިކޮށްކަން ވަނީ ހާމަވެފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑުވެސް ވަނީ ގަދަވެފައެވެ.
ކޮމެންޓު ފޮނުވާ