ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ، ހަރުކަށިފިކުރު ފަތުރައި ލޭ އޮހޮރުވަން ގޮވައިލުން އާއްމުވެފައިވާތީ އެކަން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ. މި ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްއެވެ.
ކުއްލި މައްސަލަ މަޖިލީހުގެ ޖަލްސާއަށް ހުށައަޅުއްވަމުން މީކާއީލް ވިދާޅުވީ، ފަހަކަށް އައިސް ސޯޝަލް މީޑީއާގައި ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދައި ލޭ ހުއްދަކަމަށް ބުނެ ތަފާތު ލޭބަލްތައް އާއްމުވެފައިވާކަމަށެވެ. އެކަން އެގޮތަށް ކުރަނީ ހަރުކަށިފިކުރުގެ ތެރެއިން ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ނެންގެވީ ދާދިފަހުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދަށް ސޯޝަލް މީޑިއާގައި ދެއްވާފައިވާ އިންޒާރެވެ. އެގޮތުން ކާކުކަން އެނގޭ މީހަކު، މެމްބަރު ވަހީދަކީ މަރަން ޖެހޭ މީހެއް ކަމަށް ބުނެ ވަރަށް ފާޅުގައި ފޭސްބުކް ސްޓޭޓަސްއެއް ލިޔެފައިވާކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މީކާއީލް ވިދާޅުވީ، މެންބަރު މުޙައްމަދު ވަޙީދަށް އިންޒާރު ދިންމީހާއަށް އެޅުނު މާބޮޑ ފިޔަވަޅެއްވެސް ނެތްކަމަށެވެ. ސިވިލް ސާރވިސް ވަޒީފާއ ހުރި އެމީހާއަށް އެޅުނު ހަމައެކަނި ފިޔަވަޅަކީ ވަޒީފާއިން ސަސްޕެންޑް ކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އިއްޔެގެ ޖަލްސާގެ ބަހުސް، ޓީވީ ޗެނަލަކުން ވަގުތުން ދައްކަމުން ދަނިކޮށް، އެ ސްޓްރީމުގެ ކޮމެންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ މީހަކު ކޮމެންޓް ކުރިކަންވެސް މީކާއިލް ހުށައެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން، ވަކިވަކި ފަރުދުންނާ މެދު ނަފުރަތު އުފައްދާ ހަރުކަށި ފިކުރު ފަތުރާ، ލޭއޮހޮރުވުމަށް ގޮވާލުން މިހާރު އާންމުވެފައި ވާތީ، މިފަދަ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.
މީކާއީލް މިފަދަ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަލާފައިވާއިރު، ނަފްރަތު އުފެއްދުމަށް ގޮވާލާ އެ އަމަލު ހިންގުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ބަންޑާރަ ނާއިބު ވަނީ ބިލެއް އެކުލަވާލާ ރައީސް އޮފީހަށް މިހާރު ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ