ކުޅުދުއްފުށި ސިޓީގެ ފުރަތަމަ ސިޓީ ކައުންސިލްގެ މެންބަރުން މަޤާމުގެ މުވައިކުރައްވާ މަސްޢޫލިއްޔަތާއި ހަވާލުވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަލަށް އުފެދުނު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރައްވާފައިވަނީ އެކަމަށްޓަކައި ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ކުޅުދުއްފުށީ ރަސްމީކޮށް ސިޓީ އެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ 1 ޖެނުއަރީ 2020އިން ފެށިގެންނެވެ. އެކަން ރައީސް ހާމަކުރެއްވީ 31 ޑިސެމްބަރ 2019ގައެވެ.
ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ. މޭޔަރާއެކު 7 މެންބަރުން ތިއްބަވާ ކައުންސިލްގެ މޭޔަރަކީ އަޙްމަދު އާޠިފެވެ.
މޭޔަރުކަމުގެ ހުވައި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ކުޅުދުްފުށީގެ ފުރަތަމަ މޭޔަރު ވިދާޅުވީ، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭން ނިންމާލާ އެސިޓީއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަަށެވެ. ރައްޔިތުންގެ އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ މޭޔަރު ވަނީ އެސިޓީގެ ލޭންޑްޔޫސް ޕްލޭތައް ހަދައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަައިދެއްވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ކުޅުދުްފުށީ ސިޓީގެ ކައުންސިލް ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ ހޯދީ އިދިކޮޅު ޕީޕީއެންއިންނެވެ. އެގޮތުން އެ ޕާޓީން ކޮމެޓީގެ 6 ގޮނޑި ތެރެއިން 4 ގޮޑި ވަނީ ކާމިޔާބުކޮށްފައެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ރައްޔިތުން ހޮވި ކައުސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މިއަދު ވަނީ މަޤާމުގެ ހުވައި ކުރައްވާފައެވެ. މިއަދު ހުވާކުރި ކައުންސިލްތަަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ދީފައިވާ ކައުންސިލްތަކެކެވެ. އަދި މިއީ ފަސް އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކުރި ފުރަތަމަ ކައުންސިލްތަކެވެ.
ކޮމެންޓު ފޮނުވާ