ރައީސް ނަޝީދުގެ މެސެޖު: ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނަން

ރައީސް ނަޝީދުގެ މެސެޖު: ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނަން

Author
މުޙައްމަދު ޖިމީ
17 މެއި 2021 12:05
0

ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށުނު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއަށްް ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާއ ގުޅިގެން އެމަނިކުފާނު ގެންދަވަނީ ޖަރުމަންވިލާތުގެ އަސްކަރީ ހޮސްޕިޓަލެއްގައިފަރުވާ ހޯއްދަވަމުންނެވެ. ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޗުއްޓީތަކަށް ފަހު ފަށާފައިމިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯދެއްވުމަށް ޖަރުމަނުގައި ހުންނަވަނިކޮށެވެ.

ޖަރުމަންވިލާތުގައި ހުންނަވާ ރައީސް ނަޝީދު މިއަދު ޖަލްސާ މެދުވެރިކުރައްވާ ދިވެހި ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވާފައިވާ މެސެޖުގައި ވަނީ، މި ދައުރުގެ ޖަލްސާތައް މި ފެށުނީ އެމަނިކުފާނުގެ ފުރަނާފުޅު ދުއްވާލަން ނުރައްކާތެރި ހަމަލާއެއް ދެވިފައިވަނިކޮށްކަމަށާއި، މި ދަނޑިވަޅުގައި މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތްޕުޅުފާހަގަކުރައްވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމުގެ ޔަޤީކަންވެސް ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ބައިވެރިވާނެކަމަށެވެ.  އަދި ރައްޔިތުންނާއި ދާދި އަވަހަށް ބައްދަލުކުރައްވާނެކަމަށާއި ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް ރައްޔިތުން މަޖލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހިވާގި ކަމާއިއެކު ތިޔަ ހުރިހާ އިއްޒަތެރި މެމްބަރުން މަސައްކަތް ކުރައްވާނެކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ޤައުމުގެ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަޔަށާއި މަންފާ މަސައްކަތް ކޮށްދެއްވާނެކަން އަޅުގަނޑު ޔަގީންކުރަން.

– ރައީސް ނަޝީދު

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސީރިއަސްކަމުން އެމަނިކުފާޏުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާކަމަށް ޑޮކްޓަރުން ހާމަކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.