މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރުން ފަސްކޮށްފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރުން ފަސްކޮށްފި

Author
މުޙައްމަދު ޖިމީ
17 މެއި 2021 11:06
0

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުން ފަސްކޮށްފިއެވެ. ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުން ފަސްކުރެއްވީ މިއަދުހުވައި ކުރުން އޮންލައިންކޮށް ކުރިއަށް ގެންދާތީއެވެ.

މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރަންޖެހެނީ ސިއްރުންކަމަށްވާތީ، މިއަދުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށްދިއުމުގެ ސަބަބުން ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުން ފަސްކޮށްފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ޕީޕީއެމް އިން ވަނީ ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނާއިބު ރައީސުން އިންތިޚާބުކުރުމަށް ސާރކިއުލާއެއް ނެރެފައެވެ.

އިދިކޮޅު ކޯލިޝަނުން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން، ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމާއި، އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅާނީ ޕާޓީން ނިންމާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.

ޕީީޕީއެމްއިން މި މަޤާމުތަކަށް މީހުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް:

1. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ބޭފުޅެއްނަމަ އެބޭފުޅަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދެއްވުން. ނުވަތަ

2. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ޢަދަދު އެއްބޭފުޅަކަށްވުރެ ގިނަ ނަމަ، އިންތިޚާބުވެފައިވާ ޕީ.ޕީއެމް. ގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާޤު ވެވޭނަމަ އެބޭފުޅަކަށް ތާއީދުކޮށް ވޯޓު ދެއްވުން. ނުވަތަ

3.ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ޢަދަދު އެއްބޭފުޅަކަށްވުރެ ގިނަ ނަމަ، އަދި އިންތިޚަބުވެފައިވާ ޕީ.ޕީއެމް. ގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާޤު ނުވެވޭނަމަ އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް ގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ހުރިހާ ބޭފުޅުން ތާއީދުކޮށް ވޯޓު ދެއްވުން.

ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި، އިސްވެ ދަންނަވާފައިވާ ގޮތުގެ މަތިން ޢަމަލުކޮށް އެއް ކެންޑިޑޭޓަކު ނެރެ އެ ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ނިންމާ އެގޮތުގެ މަތިން ތްރީލައިން ވިޕެއް އެޅުމަށް ޕާޓީގެ ފަރާތުން އިންތިޚާބުވެފައިވާ ކައުންސިލަރުންނަށް ދަންނަވާފައިވާކަމަށް އެޕާޓީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.