ކޯވިޑް ޖެހޭ މާބަނޑު މީހުންގެ ޢަދަދުވެސް މައްޗަށް!

ކޯވިޑް ޖެހޭ މާބަނޑު މީހުންގެ ޢަދަދުވެސް މައްޗަށް!

Author
މުޙައްމަދު ޖިމީ
16 މެއި 2021 03:19
0

ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ ޢަދަދުވެސް އިތުވާން ފަށައިފިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ކޮންމެ ދުވަހެއްގެ ކޭސްތައް މިހާރު ވަނީ ހާހުން މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންވެސް ހިމެނެއެވެ. އެޗްއީއޯސީން ކުރިން ވަނީ ކޮންމެ ދުވަހަކުވެސް 80އެއްހާ ކުޑަކުދިންނަށް ބަލިޖެހޭކަމަށް ބުނެފައެވެ. އަދި މިބަލިޖެހޭ ޒުވާނުންގެ ޢަދަދުވެސް އިތުރުވެ، އައިސޫޔޫއަށް ލާންޖެހޭ ޒުވާނުންވެސް ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.

އަދި މިހާރު ކޯވިޑް ޖެހޭ މާބަނޑު މީހުންގެ ޢަދަދުވެސް އިތުރުވަމުން އަންނަކަން އެޗްއީއޯސީން ފާހަގަކުރެއެވެ. އެގޮތުން މިވަގުތުވެސް 50އަށް ވުރެ ގިނަ މާބަނޑު މީހުންނަށް ބަލި ޖެހިފައިވާއިރު، ބައެއް މީހުންނަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ބަލި ހާލަތު ވަރަށް ސީރިއަސްވެ މާބަނޑުމީހަކު ވަނީ ވެންޓިލޭޓަރުގައިވެސް ފަރުވާދޭން ފަށާފައެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ ޢަދަދު އިތުރުވެ އިތުރު ފަރުވާ އަވަސްކުރުމަށް މިހާރު އައިޖީއެމްއެޗް ގައި ވަނީ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ. އެ ނަންބަރަކީ 3308234 އެކެވެ. އަދި ބަލިޖެހޭ މާބަނޑު މީހުންގ ޢަދަދު އިތުވަމުން ދިއުމާއެކު، ފައިޒާ ވެކްސިން މާބަނޑު މީހުން ޖެހުމަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މީގެ ކުރިން މާބަނޑު މީހުންނަށް ކޯވިޑް ދިފާޢު ވެކްސިން ޖަހައި ދީފައެއްނުވެއެވެ.

މާބަނޑު މީހުންނަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރިވިނަމަވެސް، ވިހެއި އެއްވެސް ކުއްޖަކު މިހާތަނަށް ސީރިއަސް ހާލަތަކަށް ގޮސްފައެއް ނުވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާތަނަށް 96 މީހަކު ބަލީގައި ނިޔާވެފައިވާއިރު އޭގެ ތެރޭގައި މިއަދު ނިޔާވި ޢުމުރުން 30 އަހަރުގެ ޒުވާނަކުވެސް ހިމެނެއެވެ. މިއީ ރާއްޖޭޣައި މިބަލީގައިމިހާތަނަށް ނިޔާވި އެންމެ ޒުވާން މީހާއެވެ. އޭނާ ނިޔާވިއިރު ދެ ދަރިންވެސް އެބަތިއްބެވެ. އޭނާ އަކީ ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.