ޒަކާތު ފައިސާއިން ބޮލަކަށް 4،200 ރުފިޔާ ބަހައިފި

ޒަކާތު ފައިސާއިން ބޮލަކަށް 4،200 ރުފިޔާ ބަހައިފި

Author
މުޙައްމަދު ޖިމީ
16 މެއި 2021 01:16
0

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 6.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން، މިއަހަރު މާލެ ސަރަހައްދުން ޒަކާތް ދެއްކީ 164،392 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި 6،746،896 ރުފިޔާ ލިބިފައިވެއެވެ. އަދި މިއީ ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު ފަހަރުވެސްމެއެވެ.

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންގެ ދަފްތަރަށް ބަހާފައި ވަނީ 6،274،800 ރުފިޔާއެވެ. ފަގީރުންނާއި މިސްކީނުން ގޮތުގައި މި އަހަރު 1،498 މީހުން ދަފްތަރުގައި ތިބިކަމށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން 1،494 މީހުންނަށް ޒަކާތު ފައިސާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި 472،096 ރުފިޔާ ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޒަކާތު ފައިސާގެ ގޮތުގައި މާލެ ސަރަހައްދުގައި ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ބަހާފައިވަނީ ބޮލަކަށް 4،200 ރުފިޔާއެވެ. މިދިޔަ އަހަރު ބަހާފައިވަނީ ބޮލަކަށް 3،800 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޒަކާތު ފައިސާ ބަހާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.