ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނަން: އަސްލަމް

ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނަން: އަސްލަމް

Author
މުޙައްމަދު ޖިމީ
16 މެއި 2021 10:55
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ހަގީގަތް ދެނެގަތުމަށް، އޭގެ އެންމެ ފުނަށް ދާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241) ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގައެެވެ. އިއްޔެ އެމަނިކުފާނުގެ އާއިލާއިންނާއި މަޖިލީހުން ވަނީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އަމިޔާތަކުގެ ފޮޓޯތަކެއް ޢާންމުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، އެކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަސްލަމް ވިދާޅުވީ، ރާއްޖެ ބައިބައިކޮށް ނަފްރަތު އުފައްދަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޤައުމެއްގެ ގޮތުގައި ތެދުވާންޖެހޭކަމަށެވެ.  އަދި ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅަށް އެންމެން ގުޅިގެން ތެދުވާންޖެހެނީ ސިޔާސީ ޕާޓީތަކަށްޓަކއި ނޫންކަމށާއި، އަންނަންއޮތް ޖީލުތަކަށްޓަކައިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޭކް
ހަމައިގަ ހުރެގެން ފުޅިއަޅައިގެން ފުނައްދާތި، އެހެންނޫނީ ނޭވާ ހާސްވާނެ، މި ޑްރާމާގެ ފަހުބައި ކުޅެނީ ޖަރުމަނުގަތަ، އަހާލީ، ފަހަރެއްގަ ނިންމިން މިކޮޅުގަ ކުޅެފާނެތީ، ލޮލް