މިމަހުގެ 6 ވަނަ ދުވަހުގެރޭ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ދީފައިވާ ހަމަލާއަށްފަހު އިއްޔެ އާންމުކުރި އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތަކާއިއެކު އެތައްބަޔަކު ތިބީ ސިހުންލިބި ބިރުވެރިކަމެއްގެ ތެރޭގައެވެ.
ރައީސް ނަޝީދަށް ހަމަލާ ދިންތާ ގިނައިރުތަކެއް ނުވަނީވެސް އެމަނިކުފާނުގެ ހަށިފާރަވެރިންގެ ހުށިޔާރުކަމާއިއެކު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ޓެކްނިކަލް ބޭފުޅުންގެ ބުރަމަސައްކަތުން ނަޝީދަށް ދޭންފެށި އަވަސް ފަރުވާތަކާއިއެކު ފުރާނައަށް ނުރައްކާނުވެ ވަނީ ސަލާމަތްވެފައެވެ. ނަޝީދުގެ އޮޕަރޭޝަންތަކާއި ސާޖަރީތައް ހެދި ޑޮކްޓަރުން ބުނެފައިވަނީ އެމަނިކުފާނުގެ ފުރާނަމަ ސަލާމަތްވެފައިވަނީ ހަމަ ކިރިޔާ ކަމަށެވެ.
މިހަމަލާއާއިގުޅިގެން އިއްޔެ ފޮޓޯތައް އާންމުކުރުމާއި ހަމައަށް، ނަޝީދަށް އެވަރުގެ އަނިޔާތަކެއް ލިބިފައިވާކަމަށް ގިނަބަޔަކު ގަބޫލެއް ނުކެރެއެވެ. ގިނަ މީހުން ގަބޫލުކޮށްގެން ތިބީ ލިބިފައިވާ އަނިޔާތައް ސީރިއަސް ނަމަވެސް އެމަނިކުފާނުގެ ހާލަތާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުންނާއި، ޤައުމުގެ އިސް މަޤާމުތަކުގެ ތިއްބެވި ބޭފުޅުން ދެއްވަމުންދިޔަ މައުލޫތުތަކެވެ. މިހާތަނަށް ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ ހާލުރަނގަޅު ކަމަށާއި، އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ އިޒުނަފުޅާއިއެކު އާންމުކުރި ފޮޓޯތަކުން އެމަނިކުފާނަށް ލިބިފައިވާ ގެއްލުން ކޮންމެ މީހަކަށްވެސް ވަޒަން ކޮށްލެވޭނެއެވެ.

ހަމަލާއާއި ގުޅިގެން ނަޝީދުގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަމީ އެމަނިކުފާނުގެ ސަޕޯޓަކުންނާއި، އާންމު ރައްޔިތުންނަށްވެސް އޮތް ހިތްހަމަޖެހުމެވެ. ނަމަވެސް މިވަރުގެ ހަމަލާއެއްގައި ފަރުވާދެމުންދާއިރު، ހާލަތު ރަނގަޅުވެ އާންމު ދިރިއުޅުމަށް ދިއުމަށްޓަކައި ގިނަ ދުވަސްތަކެއް ނަގާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް އެތެރެހަށީގެ އެކި ދިމަދިމާލަށް ލިބިފައިވާ ގެއްލުންތަކަކީ ވަރަށް ބަލައިގެން އަބަދުވެސް އުޅެނެޖެހޭފަދަ އަނިޔާތަކެއްކަމަށް ޑޮކްޓަރުންވެސް ވަނީ ބުނެފައެވެ.
Dhivehi Raajje ge si’hee dhaairaa ah marhaba aai shukur. Maiy Allah ge heyo rahmaiyfulhun thiyabeyfulhun thi edhivadaigannava heyo verikan hoadha dhinumuga dhemi hunnanan.
Kuda Eid ge thahniya!Eid Mubarik to everyone!
— Mohamed Nasheed (@MohamedNasheed) May 12, 2021
މިނުރައްކާތެރި ހަމަލާގައި އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ މާތްﷲގެ ރަޙުމަތްފުޅުން ވަރަށް ނާޒުކު ގޮތަކަށްކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. ޙަމަލާދިނުމުގައި ބޭނުންކުރި އައިއީޑީގައިވާ ދަގަނޑު ކޮޅުތަކާއި ރޭޒާ ފުއްތަކުގެ ތެރެއިން ފުކެއް ރައިީސް ނަޝީދުގެ ހިތަށް ސީދާނުވެދިޔައީ ހަމަ ކިރިޔާއެވެ. އެއީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިނެވެ. މިއެތިކޮޅު ހިތަށް ނުވަދެ މަތަވީ އެމަނިކުފާނުގެ މޭކަށިގަނޑުގެ ރިބެއްގައި ޖެހިގެންނެވެ. އެރިބް ވަނީ ފުނޑުފުނޑުވެފައެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން ފުނޑުފުނޑުވެގެންދިޔަ ކަށިގަނޑުގެ އެތިކޮޅުކޮޅުތައް ރައީސް ނަޝީދުގެ ފުއްޕާމެއަށް ހެރިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ހަމަލާގައި ހަށިގަނޑަށް ވަދެގެންދިޔަ އެތިކޮޅެއް ފުއްޕާމޭގެ އެއްފަޅި ފޫއަޅުވާލައި ނިކުމެފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
މިޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ދަގަނޑު 3 އެތިކޮޅެއް ބަނޑުގެ ތިން ގުނަވަނެއް ފޫއަޅުވާލާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ފަލަގޮހޮރުގައި ދެތަނަކުން އަދި މައިދާގެ އިތުރުން ފުރަމޭވެސް ފޫއަޅުވާލައި އެތިކޮޅުތައް ނިކުމެފައިހުރިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ ހަމަލާއާއި ގުޅިގެން އެންމެ ގިނަބަޔަކު ސުވާލު އުފައްދާ އެއްކަމަކީ މިހަމަލާގެ މައުލޫމާތު ދުރާލައި އެންގުމުންވެސް ފިޔަވަޅެއް ނޭޅުމެވެ. ޚާއްސަކޮށް ޤައުމީ ސަލާމަތީ ބާރުގެ ވަޒީރުކަމާއި ހަވާލުވެ ހުންނެވި ވަޒީރަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ގުޅާފައި މިފަދަ ކަމެއްގެ މައުލޫމާތު އުޅޭކަން ހިއްސާކުރުމުންވެސް މިކަމާއި މާބޮޑު ސަމާލުކަމެއް ނުދެއްވިކަމީ މިހާދިސާގައި މިވަރުގެ އަނިޔާއެއް ލިބެންޖެހުނު އެއްސަބަބުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މިހާދިސާއާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. މިކޮމިޓީގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވާނެއެވެ. މިމަސައްކަތް ކުރި ކަމުގައި ވީނަމަވެސް މިފަދަ ހާދިސާއެއްގައި ވެފައިވާ އިހުމާލަށް މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅު ނާޅައިފިނަމަ އޮތް ނުރައްކާ ވަކި ކުޑަނޫންކަމަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ