އިސްރާއީލުން ގާޒާއަށް ދިން ހަމަކާލާތަކުގައި 35 މީހަކު ޝަހީދު ވެއްޖެ

އިސްރާއީލުން ގާޒާއަށް ދިން ހަމަކާލާތަކުގައި 35 މީހަކު ޝަހީދު ވެއްޖެ

Author
ހުސެއިން
12 މެއި 2021 11:15
0

އިސްރައީލާއި ހަމާސް މަޖާއަތާ ދެމެދު ހިގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި، ގާޒާއަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދު ވެއްޖެއެވެ. އަދި އިސްރާއީލުގެ އުދުވާންގެ ރައްދުގައި ހަމާސްއިން ދިން ހަމަލާތަކުގައި އިސްރާއީލުގެ 5 މީހަކު މަރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި އިސްރާއީލުން ގަޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން އެތައް ސަތޭކަ ހަަލާއެއް ދީފައިވާއިރު، ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިވަންކަމަށް ޖިހާދުކުރަމުންދާ އެހެނިހެން ޖަމާއަތްތަކުންވެސް ވަނީ އިސްރާއީލުގެ ވެރިރަސް ޓެލްއަވީވަށާއި އަދި ބީރުޝެބާ އަވަށް އަމާޒުކޮށް އެތައް ސަތޭކަ ރޮކެޓެއް އުދުއްސާލާފައެވެ.

ގާޒާއިން ލިބޭ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުން ތަކުރާރުކޮށް ވައިގެ ހަމަލާތައް ދިނުމުގެ ސަބަބުން ގާޒާގައި ބުރިބުރިއަށް ހުރި ބޮޑު އިމާރާތެއް ބިމާ ހަމަވެފައިވާއިރު، އިތުރު އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުން ބުނެފައިވަނީ، އެގައުމުގެ އަސްކަރިއްޔާއިން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި، ހަމާސްގެ ގިނަ އަދަދެއްގެ ޖާސޫސީ އޮފިސަރުން މަރާލާފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ، އިސްރާއިލުގެ އަސްކަރިއްޔާއިން އިތުރަށް ދީފައިވާ ހަމަލާތައް ދީފައިވަނީ، ރޮކެޓްތައް އުދުއްސާ ސައިޓްތަކަށާއި ހަމާސްގެ ލީޑަރުންގެ ގެތަކަށާއި އޮފީސްތަކަށް ކަމަށެވެ.

މިއީ 2014ވަނަ އަހަރު ހަމާސްއާއި އިސްރާއީލާއި ދެމެދު ކުރެވުނު ހަގުރާމައަށްފަހު، ހިގަމުންދާ އެންމެ ވަރުގަދަ ކުރިމަތިލުމެވެ. އަދި ބައިނަލް އަގުވާމީ ފަރާތްތަކުންވަނީ، މި ކުރިމަތިލުންތައް ކޮންޓްރޯލުން ނެއްޓިގެން ހިގައިދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނެފައެވެ.

"ހަމަލާ ބަދަލު ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން. ހާލަތު މިހާރު ބަދަލު ވަމުންދަނީ ބޮޑު ހަގުރާމައަކާ ދިމާލަށް. ދެފަރާތުގެ ލީޑަރުންވެސް ޒިންމާދާރުވެ، ހަމަނުޖެހުންތަކަށް މަގުފަހި ނުކުރުމަށް ގޮވާލަން،" ޔޫއެން އިން މެދުއިރުމަށްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ތޯޜު ވެންސްލޭންޑް ޓުވީޓު ކުރައްވާފައި ވެއެވެ.

"ގާޒާގައި ކުރިޔަށްދާ ހަގުރާމައަކީ ގެއްލުން ބޮޑު އަންމު ރައްޔިތުންނަށް ވަރަށް ބޮދެތި މުސީބާތްތައް ކުރުމަތިވެގެންދާނެ ހަގުރާމައެއް. ޔޫއެންއިން ދަނީ ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ހުރިހާ ފަރާތަކާއެކީ މަސައްކަތް ކުރަމުން. މިހާރުން މިހާރަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވަލަން،" އޭނާ އިތުރަށް ޓުވީޓު ކުރައްވާފައި ވެއެވެ.

އިސްރާއީލާ ފަލަސްތީނާ ދެމެދު މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ، 1967ގެ ހަގުރާމާގައި އިސްރާއީލުން ހިފާފައިވާ އިރުމަތީ ޖެރޫސެލަމްގެ ޝެއިޚް ޖައްރާއިން ފަލަސްތީނު ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް އިސްރާއީލުން ފެށުމާއި ގުޅިގެންނެވެ. މުސްލިމުންގެ އެންމެ ބަރާކާތްތެރި އެއް މައްސަރުކަމުގައިވާ ރޯދަ މަހު، ހަމަ ނުޖެހުން ހިގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި، ޝެއިޚް ޖައްރާއާއި، އަރަބި-އިސްރައީލު މީހުން ދިރިއުޅެމުންދާ އަވަށެއް ކަމުގައިވާ ހައިފާވެސް ހިމެނެއެވެ.

ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައި މިވަނީ، ފާއިތުވެދިޔަ ހަފްތާތަކުގައި އަލް-އަގްސާ މިސްކިތުގައި ހިގަމުންދިޔަ ހަމަނުޖެހުންތަކަށްފަހު، އިސްރާއީލުގެ ސެކިއުރިޓީ ފޯސްތަކުން އަލް-އަގުސާ މިސްކިތް ދޫކޮށް ދިއުމަށް، ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސްގެ އިސްވެރިން އިސްރާއިލަށް ދިން މުހުލަތު ފާއިތުވެގެން ދިއުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.