ރާއްޖޭގެ ސިޔާސީ ލީޑަރުގެ ތެރެއިން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ނިރުބަވެރިކަމުގެ ހަމަލާއާއިއެކު މުޅި ޤައުމު ގޮވަމުންދަނީ އަވަހަށް އިންސާފު ޤާއިމް ކޮށް ދިނުމަށެވެ. މިފަދަ ހަމަލާތަކުގައި އިންސާފު ލަސްވެގެންދާކޮންމެ ވަގުތަކީ މިފަދަ ހަމަލާތަކަށް ދެވޭ ނުރައްކާތެރި ސިގުނަލެއްކަމަށް ގިނަ ބަޔަކު ދަނީ ބަނަމުންނެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ގ.ކެނެރީގެއިން ނިކުންނަވައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެކިވަރުގެ ސާޖަރީތައް ހަދައި، އޮޕަރޭޝަނެއް ކޮށްފައިވާއިރު މިހާރުވެސް ރައީސް ނަޝީދަށް ގެންދަވަނީ އޭޑީކޭގައިފަރުވާ ދެނުންނެވެ. މިހާދިސާއާއިއެކު ސިޔާސީ ވާދަވެރިންނާއި، ރައީސް ނަޝީދަށް ތަފާތުއެކި ފާޑުކިޔަމުންދިޔަ އެތައް ބަޔަކުވެސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އިންސާފު ގާއިމް ކޮށްދިނުމަށް ގޮވާލާފައެވެ.
ނިރުބަވެރިކަމުގެ މިފަދަ ހަމަލާތަކަކީ އޭގެ އެންމެ ފުނަށް ނުގޮސް ދޫކޮށްލެވޭ މައްސަލަތަކަށް ވެއްޖެނަމަ މީގެ ނުރައްކާ ބޮޑުވާނެ ކަންތައްތަކެއްކަމަށް ގިނަ ބޭފުޅުން ދެކެވެ. އަދި މިމައްސަލާގައި ކަން ހިނގާފައިވާ ގޮތަށްބަލާއިރު މިއީ ދުރާލައި ފާރަލައި، "ބޯކޮޅު" ބެލުމަށްފަހު ދީފައިވާ ހަމަލާއަކާއި ވައްތަރެވެ. އަދި ހަމަލާ ދީފައިވާ ގޮތާއި ޓައިމިންއާއި މިހުރިހާ ކަމެއް ދިމާވެފައިވަނީ މިކަން ވަރަށް ރަނގަޅަށް ޕްލެއިން ކުރެވިފައިވުމުން ކަމަށް މަންޒަރު ދުށް މީހުންވެސް ވަނީ ބުނެފައެވެ.
މިހާދިސާއާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި އާންމުންގެވެސް ހެޔޮދުޢާ ވަނީ ރައީސް ނަޝީދާއިއެކުގައެވެ. އަވަސް ޝިފާއެއް ދެއްވާތޯ ދުޢާކޮށް މުޅި ސޯޝަލް މީޑިޔާ ރޭގައި ވަނީ ފުރާލާފައެވެ. މިއާއިއެކު ދެން ގަދަވި އަނެއް އަޑަކީ ލަސްނުކޮށް އިންސާފު ހޯދުމަށް ގޮވާލާ އަޑެވެ. މިމައްސަލާގައި އިންސާފު ލަސްވެ މައްސަލަ ދިގުލައިގެންދާނަމަ މިއީ މިފަދަ ކަންކަމަށް ދެވޭ ހިތްވަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިމައްސަލާގައި ރޭ ޤައުމާއި މުޚާތަބް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އެންމެ ބޮޑު ޔަގީންކަމަކީވެސް ލަސްނުކޮށް މިމައްސަލާގައި އިންސާފު ޤާއިމް ކޮށްދެއްވާނެކަމުގެ ޔަގީން ކަމެވެ. އަދި މިމައްސަލައިގައި ބައިނަލް އަޤުވާމީ އެހީތެރިކަން ހޯއްދަވައި، އެބޭފުޅުންގެ ބައިވެރިވުންވެސް މި ތަހުގީގުގައި ބޭނުން ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ހަމަލާއެއް: ރައީސް
ނިރުބަވެރިކަމާއި ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހައްދު ފަހަނައަޅާފައިވާ މީހުންނާއި، ހަރުކަށި ފިކުރުތަކުގެ މީހުންގެ ކިބައިން ސަލާމަތްވެ އެމީހުން އަނބުރައި މުޖުތަމައުއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްވެސް ސަރުކަރުން ދަނީ ކުރަމުންނެވެ. ރައީސް ނަޝީދަށް ދެވުނު ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނު ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުން ވަނީ ހަމަލާދިންދާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދައުރުން ބޭރުގައި އޮތްނަމަވެސް ކުއްލި ޖަލްސާއެއް ހަމަޖައްސައި ޖަލްސާއެއް ބާއްވާފައެވެ.
މިޖަލްސާ ނިންމާ ނުލައި ރެއަށް މެދުކަނޑާލީ ކަމާއި ބެހޭ ފަރާތްތަކުން މިމައްސަލާގައި އަމަލުކުރައްވާ ގޮތެއް ގާތުން ފާރަވެރިވެ ބަލައި ރައީސް ނަޝީދުގެ ހާލަތު ރަނގަޅަށް ސާފުކުރުމަށްފަހު މިއަދުވެސް ޖަލްސާއެއް ބާއްވާގޮތަށެވެ. މަޖިލިސްގެ ޖަލްސާގެ އަމާޒަކީވެސް މިކަން ދޫކޮށްނުލައި، އިންސާފު ގާއިމް ވަންދެން ދޫނުދީ ހިފަހައްޓާލުމެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކަށް ހުންނަ މީހަކަށް ދެވޭ މިފަދަ ހަމަލާއަކީ މުޅި ދައުލަތަށާއި ރައްޔިތުންނަށް އަމާޒުވާ ހަމަލާއެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިހަމަލާ ކުރީގެ ރައީސުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ބައިނަލް އަޤުވާމީ މުޖުތަމައުން ހަރުއަޑުން ކުށްވެރި ކުރަމުންދާއިރު މިހާރު އެންމެންވެސް އިންތިޒާމު ކުރަމުންދަނީ މިކަން ކުރި ބަޔަކު ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ވަގުތަކަށެވެ. ޤައުމުގެ ރައީސް ދެއްވި ޔަގީންކަމާއިކު މިމައްސަލާގައި އިންސާފު ލަސްނުވެ ލިބޭނެކަމީ ޔަގީންވާ ކަމެކެވެ.