ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ ޓީމަކަށް ވިޔަރެއާލް ވެއްޖެއެވެ.
ވިޔަރެއާލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެޓީމު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗު 1-2 އިން ކާމިޔާބުކުރީ ވިޔަރެއާލްއެވެ. އަދި މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން 1-2 ގެ އެގްރިގޭޓް ނަތީޖާއަކުން ފައިނަލަަށް ދަތުރުކޮށްފައިވަނީ ވިޔަރެއާލްއެވެ.
އާސެނަލް އަތުން މޮޅުވި ވިޔަރެއާލް މިއީ ޔޫރަޕްގެ ފައިނަލަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން މޮޅަށް ކުޅުނު ނަމަވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއްނުވެ އެވެ. މި ހާފުގައި އާސެނަލްގެ ޕިއޭ އެމެރިކް އޮބާމިޔަން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް އާސެނަލުން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު އޮބާމިޔަން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑާއި ދެކޮޅަށް ވިޔަރެއާލް ނުކުންނާނީ މެއި 26 ވަނަ ދުވަހުއެވެ. ފައިނަލް ކުޅޭނީ ޕޮލެންޑްގެ ގްޑާންސްކް ސްޓޭޑިއަމްގައެވެ.