ޓަރަމްޕަށް ފޭސްބިކް ބޭނުން ނުކުރެވޭގޮތަށް އޮންނަ އޮތުން ދެމެހެއްޓުމަށް އެ ޕްލެޓްފޯމުން ވަނީ ނިންމާފަ

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފަ އޮތް އޮތުން ދެމެހެއްޓުމަށް ނިންމައިފި

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފަ އޮތް އޮތުން ދެމެހެއްޓުމަށް ނިންމައިފި

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފަ އޮތް އޮތުން ދެމެހެއްޓުމަށް ފޭސްބުކްގެ އޯވަރ ސައިޓް ބޯޑުން ނިންމައިފިއެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ސޯޝަލް ނެޓްވާރކްގެ ކޯޓުގެ ގޮތުގައި ހަރަކާތްތެރިވާ މި ބޯރޑުގެ މި ނިންމުމާއިއެކު، މިއަހަރުގެ ޖެނުއަރީމަހު، ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، އޭނާއަށް ތާޢީދުކުރާ ފަރާތްތަކުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހަމަލާދިނުމާއި ގުޅިގެން ފޭސްބުކް ބޭނުން ކުރުން ޓަރަމްޕަށް މަނާ ކުރެވިފަ އޮތް އޮތުން ހަމަ އެގޮތުގައި ދެމެހެއްޓިގެން ދާނެއެވެ.

އެހެންނަމަވެސް، ފޭސްބުކް އޯވަރ ސައިޓް ބޯޑުން ނިންމާފައިވަނީ، އެ ޕްލެޓްފޯމުގެ މި ނިންމުން އިތުރު 6 މަސް ދުވަހަށް ފަހުން އަލުން މުރާޖައާ ކުރާ ގޮތަށެވެ.

"މި ނިންމުމަށްފަހު ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި، ބޯޑުގެ މިނިންމުން އަލުން މުރާޖައާކޮށް، ޖެނުއަރީ 7 ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭތޯ ނުވަތަ ނުވޭތޯ އަނުން ނިންމަން ޖެހޭނެ،" ބޯޑުގެ ނިންމުމުގައި މިއަދު ބުނެފައި ވެއެވެ. "އަދި މި ނިންމުން ވާންވާނީ، ފޭސްބުކް ޕްލެޓްފޯމްގެ އުސޫލުތައް މުގަރާލާފައިވާ މިންވަރަށާއި، އަދި މުސްތަގުބަލުގައި ލިބިގެންދާނެ ގެއްލުންތަކުގެ މައްޗަށް ބިނާވާ ނިންމުމަކަށް. އަދި އަޅާ ފިޔަވަޅުރައް ވާންވާނީ، ފޭސްބުކްގެ އުސޫލުތަކާއި ޚިލާފްވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބޭނުންވާ މިންވަރަށް ހާލަތަށް ބަލާ، އެއްވެސް ފޮރުވުމެއް ނެތި އަޅާ ފިޔަވަޅުތަކަކަށް."

ފޭސްބުކް ޕްލެޓްފޯމުން އެންމެ ފުރަތަމަ ޓްރަމްޕާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަކި މުއްދަތެއްނެތި އަޅާފައި ވާތީ، އޯވަރސައިޓް ބޯޑުން ވަނީ އެ ނިންމުމަށްވެސް ފާޑު ކިޔާފައެވެ. "އެއްވެސް ހަރުދަނާ ކަމެއްނެތި ފިޔަވަޅު އެޅުމަށްފަހު، ދެން އެފިޔަވަޅުތަކާމެދު ގޮތެއް ނިންމުން މި ބޯޑާ މަތި ކުރުމަކީ، ފޭސްބުކްގެ ޒިންމާދާރުކަން ނެތުން،" ފޭސްބުކް ޕްލެޓްފޯމުގެ އޯވަރސައިޓު ބޯޑުގެ ނިންމުމުގައި ބަޔާން ކޮށްފައި ވެއެވެ.

ފޭސްބުކް އޯވަރސައިޓް ބޯޑުގެ މި ނިންމުން، ފޭސްބުކްގެ ޕްލެޓްފޯމެއް ކަމުގައިވާ އިންސްޓަގްރާމްވެސް ހިމެނިގެން ދެއެވެ. އިންސްޓަގްރާމާއި ފޭސްބުކުގައި 60 މިލިއަން މީހުން ޓްރަމްޕް ފޮލޯ ކުރަމުން ދެއެވެ.

ފޭސްބުކް އޯވަރ ސައިޓް ބޯޑަކީ، ފޭސްބުކްގެ ވެރިޔާ މާރކް ޒުކަރބާގް ހާރވާޑް ލޯ ސްކޫލްގެ ޕްރޮފެސަރ ނޫހު ފެލްޑްމަން އާއި ބައްލު ކުރުމަށްފަހު، ފޭސްބުކްގެ ކޮންޓެންޓް މޮޑެރޭޝަން ބެލެހެއްޓުމަށްޓަކާ، ޝަަރުޢީ ކޯޓެއްގެ ސިފަ ލިބިގެންވާ ގުނަވަނެއް އުފެއްދުމަށް ދިން ލަފާގެ މައްޗަށް އުފައްދާފައިވާ ބޯޑެކެވެ. ފޭސްބުކްގެ ސީއީއޯ މި ބޯޑު އުފައްދާ، ފޭސްބުކްގެ ހުރިހާ ނިންމުމެއްގެ މައްޗަށް މި ބޯޑަށް ބަސްކިއުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދީފައި ވެއެވެ.

ފޭސްބުކްގެ ސީއީއޯ މައިކް ޒުކަބާރގް އެންމެ ފުރަތަމަ މި ބޯޑު އުފެއްދުމުގެ ވިސްނުން އާންމު ކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެހެންނަމަވެސް، އާންމުންގެ ޚިޔާލު ހޯދުމުގެ އެތަކެއް މަޝްވަރާތަކަކަށްފަހު، 20 މެމްބަރުންގެ މައްޗަށް މި ބޯޑު އެކުލަވާލާފައިވަނީ، 2020 ވަނަ އަހަރު މޭމަހުއެވެ. ރަސްމީކޮށް މި ބޯޑުގެ މައްސަކަތްތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކުރެވިފައިވާއިރު، އޭނާ ވަނީ އަމިއްލަ މައުލޫމާތު ފެތުރުމަށްޓަކާ މުޅިން އާ ވެބްސައިޓެއް މިއަދު ލޯންޗް ކޮށްފިއެވެ. މި ވެބްސައިޓުގައި ބުނާގޮތުން، މި ޕްލެޓްފޯމަށް މައުލޫމާތާއި ޚަބަރުތައް އަންނާނީ ސީދާ ޓްރަމްޕްގެ ޑެސްކުންނެވެ.

ޓްރަމްޕްގެ ވެރިކަން ނިމެމުން ދަނިކޮށް، އޭނާ ހިތްވަރުދީގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އޭނާގެ ސަޕޯޓަރުން ހަމަލާ ދިނުމާއި ގުޅިގެން، ޓުވިޓައާއި ފޭސްބުކް އަދި ޔޫ ޓިއުބުންވެސް ޓްރަމްވަނީ ‘ބޭން’ ކޮށްފައެވެ.

އެއަށްފަހު ޓްރަމްޕް ސްޓޭޓްމަންޓަތައް އާންމު ކުރަމުން އައިސްފައިވަނީ، ޕްރެސް ރިލީސްތަކުގެ ގޮތުގައެވެ. އެހެންނަމަވެސް މި ހުރިހާ ޕްރެސް ރިލީސްތަކެއްވެސް ދެން އާންމު ކުރެވިގެންދާނީ، ޓްރަމްޕް ލޯންޗްކުރި މި އާ ޕްލެޓްފޯމްގައެވެ.

މި އާ ޕްލެޓްފޯމް ޑިޒައިން ކޮށްފައިވަނީ، ކިޔުންތެރިންނަށް ޕޯސްޓްތަކަށް ‘ލައިކް’ ދެވޭގޮތަށާއި އަދި މީގެ އިތުރުން ޓުވިޓަރ އަދި ފޭސްބުކް އެކައުންޓްތަކުގައި ޝެއަރވެސް ކުރެވޭ ގޮތަށެވެ.

ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރ ޖެސަން މިލަރ މި އަހަރުގެ މާރޗްމަހު ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އޭނާ ވަރަަށް އަވަހަށް ލޯންޗު ކުރައްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، މިޕްލެޓްފޯމު ވެގެންދާނީ ވަރަށް ވަރުގަދަ ޕްލެޓްފޯމަށް ކަމަށެވެ. އެހެންނަމަވެސް މިލަރ އަންގާރަ ދުވަހު ޓުވީޓު ކޮށްފައި ވާގޮތުގައި، މި އިފްތިތާހު ކުރެވިގެންދިޔަ މި ވެބްސައިޓަކީ ކުރިން އޭނާ ވިދާޅުވި ސޯޝަލްމީޑިއާ ޕްލެޓްފޯމު ނޫން ކަމުގައެވެ.

ޔޫ ޓިއުބުން ބުނެފައިވަނީ، އެ ޗެނަލުން އަލުން ޓްރަމްޕަށް ފުރުސަތު ދޭނީ “ހިގަމުންދާ ހަމަ ނުޖެހުންތަކަށް ލުއެއް ލިބުމުން،” ކަމުގައެވެ.

88 މިލިއަން މީހުން ފޮލޯ ކުރަމުންދިޔަ ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ޓުވިޓަރއިން ވަނީ ދާއިމީކޮށް ‘ބޭން’ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *