ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ ނުކުޅޭތީ މިރޭ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ބްރޫނޯ ފެނާންޑޭސް ކަމަށް ޔުނައިިޓެޑުން ބުނެފިއެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ ފެނާންޑޭސް އަށް ކެޕްޓަން ބޭންޑް ދިނީ އެއީ މި ވަގުތަށް ޓީމަށް އެންމެ ރަނގަޅު ނިންމުން ކަމަށްވާތީ އެވެ. ފެނާންޑޭސް ބުނީ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށާއި ބޭނުންވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް މިސާލެއް ދައްކައި ސަޕޯޓަރުން ބޭނުންވާ ފަދަ ލެވަލަކަށް ކްލަބް ގެންދިއުމަށް ކަމަށާއި ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭއިރު އެ ޒިންމާ ބޮޑުވާނެ ކަމަށެވެ.
މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގީސް ތަރި ފެނާންޑޭސް ވަނީ ސްޕޯޓިން ލިޒްބަންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ.
ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ވަނީ ޓީމުގެ ކެޕްޓަން ބޭންޑް ދިނުމުގައި ސޯލްޝެއާ ގެންގުޅޭ އުސޫލަށް ފާޑުކިޔައިފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މެގުއާ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް މެގުއާ ނުކެޅެވިދާނެކަމަށް ޔުނައިޓެޑުން ބުނެއެވެ.
ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ދާދި ފަހުން ޔުނައިޓެޑާ ގުޅުނު އެޑިންސަން ކަވާނީ އިތުރުން މޭސަންގްރީންވޫޑް ވެސް ނުކުޅޭނެއެވެ