މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމުން، ދެ ބޭފުޅަކު ވަކި ކުރައްވައިފިއެވެ.
ރައީސުލުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަދު މަޤާމުން ވަކިކޮށްފައިވަނީ އެމިނިސްޓްރީގެ ދެ ނާއިބް ކަމުގައިވާ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދުއާއި، ނިޝާމާ މުޙައްމަދު ކަމަށެވެ.
މިދެބޭފުޅުންނަކީވެސް ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން މަގާމުން އެކަހެރިކުރި ކުރެވުނު ދެ ބޭފުޅުންނެވެ. މީގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަކީ ބިޑް ކޮމިޓީގެ ޗެއާއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާ، މި މައްސަލާގައި ވަރަށްއަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުޤީޤްކޮށް ދަޢުވާކުރަން ދެއަހަރެއްގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންވެސް ޕީޖީންވަނީ ދަޢުވާކުރެވޭވަރަށް ހެކި ނެތްކަމަށްބުނެ އެމައްސަލަ އަނބުރައި ފޮނުވާލާފައެވެ. ނަމަވެސް މިމައްސަލާގައި ދަޢުވާ ނުކުރުމަށް ޕީޖީ ނިންމި ނިންމުމާމެދު އޭސީސީއާ ޢާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ނިންމާއިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅިވެފައިވެއެވެ.
މިމައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، މިމައްސަލާގައި ދައުވާ ނުކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައި ނުވާނެކަމަށެވެ. އަދި ދައުވާކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ ދައުވާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ލިޔެކިއުންތަކަށް ބަލާއިރު އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެ ހެތްކެއް މިހާތަނަށް ދެއްކިފައި ނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
ވެންޓިލޭތަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާކުރަން ފޮނުވުމަށް އޭސީސީން އަންނަނީ އިތުރަށް ދިރާސާ ކުރަމުންނެވެ. ދުބާއީގެ އެގްޒެކިއުޓާސްއާ ޙަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ އަނބުރާ ހޯދުންކަމަށާ، އެހެންކަމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް މިހާރު ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ