ކޯވިޑް-19 އިން ރައްކާތެރިވުމަށް ސައްތައިން ސައްތަ ފަރުވާއެއް މިހާތަނަށް ފެނިފައި ނުވިނަމަވެސް، މިހާތަނަށް ކޯވިޑަށް ތައްޔާރުކުރެވުނު ވެކްސިން ތަކުގެ ތެރެއިން ޑަބްލިއު އެޗްއޯއިން ހުއްދަ ދީފައިވާ ވެކްސިނަކީ ބައްޔަށް މިވަގުތު އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ.
ކޯވިޑްގެ ވެކްސިން ޕްރޮގުރާމު ރާއްޖޭގައިވެސް ފަށައި ރައްޔިތުންގެ ބޮޑު ތަރުހީބެއް ވެކްސިން ޕްރޮގުރާމަށް ވަނީ ލިބިފައެވެ. ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ރާއްޖޭގައި ދެމުންދާއިރު މިހާތަނަށް ރާއްޖެއިން ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 108،494 އަކަށް ވަނީ އަރާފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 297،639 އަށް އަރާފައެވެ.
މިއީ ރާއްޖޭގެ ރައްޔިތުން ކަމާއިބެހޭ ފަރާތްތަކުން ދެއްވި އިރުޝާދަށް ކިޔަމަންވެ ދެއްކެވި ރީތި ނަމޫނާއެވެ. ނިސްބަތުން ދުނިޔޭގައިވެސް އެންމެ މަތީ ނިސްބަތަކުން ވެކްސިން ޖަހާފައިވާ އެއް ޤައުމަކީވެސް ރާއްޖެއެވެ. ނަމަވެސް މިއަދު ވެކްސިންގެ ރައްކާތެރިކަން ހޯދުމަށް ވަނީ ބޮޑެތި ޤުރުބާނީތަކެއް ވާންޖެހިފައެވެ. ރޯދަމަހު، ރޯދަޔަށްހުރެ، ފެންފުޅިއެއް ހިފައިގެން ބަންގި ގޮވީމާރޯދަ ވީއްލަ ވެކްސިން ކިއުތަކަށް އަރައި ވެކްސިން ޖެހުމަށް ރައްޔިތުން ދިގު ހަދާއިރުވެސް ކަމާއި ބެހޭ ފަރާތްތަކުގެ މާބޮޑު އަޅާލުމެއް ނެތެވެ.
#Hulhumale Vacine centre 03.05.21. Miah vure rangalhah mikan inthizam kureven vaane dheh tho. Inthizam harudhana kohdhehva. Please @HPA_MV @MoHmv @PoliceMv @mvpeoplesmajlis @presidencymv @KerafaNaseem @shuja3831 @xahidcreator #COVID19 #Maldives pic.twitter.com/0szt4oRn2T
— Mathyn (@amathyn) May 3, 2021
ރާއްޖޭގައިވެކްސިން ޖެހުމަށް މިހާރު އޮތް ހުރަހަކީ އެކަށީގެންވާ ވަރަށް ވެކްސިން ނެތުމުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން ސަރުކާރުން ދޮގުކޮށްފައިވެސް ނުވެއެވެ. ރޭބޭއްވި ޕްރެސްގައިވެސް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒްގެ ބާކީ ހުރިވަރެއްގެ މައުލޫމާތު ސާފުކުރުމަށްފަހު ދަންނަވާލާނެކަމަށެވެ. ނޫސްވެރިން މިސުވާލުގެ ޖަވާބު ނުލިބިގެން އުޅޭތާ މިހާރު ދެހަފްތާ ވަރު ވެދާނެއެވެ.
ވެކްސިން ޖެހުމަކީ ސަރުކާރުން ބާރުއަޅާ ކަމަކަމަށްވެފައި އަދި މިއީ ރައްޔިތުން ނުހަނު ސަމާލުކަން ދޭކަމަކަށްވިޔަސް، ވެކްސިން ޖެހުމުގެ އެތައް ގަޑިއިރެއް ކުރިން ކިއު ހަދައި މިހާ ހާލުން ޖަހާ އެއްޗަކަށް ވެކްސިން ވުމަކީ މިއަދު ރައްޔިތުންނަށް އޮތް ބޮޑު ތަކްލީފެކެވެ. ސަރުކާރުން މިކަމުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ