އޮފީސްތަކާއި، ސުކޫލުތައް ބަންދުކޮށް، މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ

އޮފީސްތަކާއި، ސުކޫލުތައް ބަންދުކޮށް، މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ

Author
މުޙައްމަދު ޝަޒައިމް
03 މެއި 2021 08:55
0

މާލެ ސަރަހައްދުގެ އޮފީސްތަކާއި، ސްކޫލުތައް ބަންދުކޮށް ކާފިއު އިއުލާން ކުރުމަށް ނިންމައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރާއި، ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއިއެކު ބޭއްވި މަޝްވަރާތަކަށްފަހު ގިނަ ފިޔަވަޅުތަކެއް އަޅަންވަނީ ނިންމާފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރުމަށް ނިންމުމާއި، ސްކޫލޫތަކާއި، ކޮލެޖްތައްވެސް ބަންދު ކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް ބޭރުގައި ނޫޅެވޭގޮތަށް ވަނީ ކާފިއު އިއުލާންކުރުމަށް ނިންމާފައެވެ. މިފިޔަވަޅުތައް އަޅަން ފައްޓަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
– ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން. (އިމްތިހާންތައް ކުރިޔށް ގެންދެވޭގޮތަށް)
– ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
– ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި ސްވިމިންގ ޓްރެކްތައް ބަންދުކުރުން.
– ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން. (ޚާއްޞަ ހުއްދައެއްގެ ދަށުން ފިޔަވައި)
– މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން. ( އަމިއްލަ މުސައްލަ ގެންދިއުމަށް އިލްތިމާސްކުރުން.)
– ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން.
– ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން. ( ދަތުރުކުރާ ފަރާތްތައް ދިހަ ދުވަހުގެ ކަރަންޓީނަކާއި އެކު މާލެއިން ރަށް ރަށަށް ދަތުރުކުރުން)
– ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުން،
– ކޮވިޑް 19 ގެ ހާލަތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ކަންކަން މިއޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހާ ގުޅިގެން ކުރިއަށް ގެންދިއުން.
– އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުން.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް ރާއްޖެއިން ވަނީ 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.