މިހާރު ރާއްޖޭގައި ކުރިއަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވުމާއި ގުޅިގެން އޭލެވެލް އިންތިހާން ކުރިއަށް ނުގެންދަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ ބޭއްވި ނޫސްވެރިނއގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިއަހަރު އޭލެވެލް އިމްތިހާނު ދެން ކުރިއަށް ނުދާނެކަމަށެވެ. ނަމަވެސް ޓިޗާބޭސް އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޕޭޕަރުތައް ލީކު ވުމާއި ގުޅިގެން މިހާރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާ ކުދިންނަށް ދެ އޮޕްޝަނެއް ދީފައިވާކަމަށެވެ. އެގޮތުން މޭ/ޖޫން ގައި އެ ސްކޫލެއްގެ ޓީޗަރުން ހަދާ ޓީޗާ ބޭސް އެސެސްމަންޓް ތަކަށް ޓެސްޓު ހެދުން އެއީ އެއް އޮޕްޝަން ކަމަށާއި، އަނެއް އޮޕްޝަނަކީ ނޮވެމްބަރު ޑިސެމްބަރުގެ އިމްތިހާނަށް މަޑު ކުރުންކަމަށެވެ.
މޭޖޫންގައި ޓީޗާ ބޭސްކޮށް ހަދާ ޕޭޕަރުތަކަކީވެސް އެޑްކްސްއެލް ގަބޫލުކުރާ މިންގަނޑުތަކަށް ހެދޭ އަދި އެބޭފުޅުންގެ މަޝްވަރާގެ މަތީން ހެދޭ ޕޭޕަރަކަށް ވާނެކަމަށާއި، އަދި އޭލެވެލް ހަދާ ކުދިންނަށް ދޭ ސެޓްފިކެޓަކީވެސް އެޑްކްސްއެލްގެ ސެޓްފިކެޓެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭ ލެވެލް އިމްތިހާނު ރާއްޖޭގައި ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ. މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މިފަހަރުގެ އޭ ލެވްލް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 44 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އެއީ މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައެވެ. އޭ ލެވެލް އިމްތިހާނު މިއަދުން ފެށިގެން އަންނަމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ