މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ބަދަލުގެ ގޮތުގައި ދައުލަތުގެ މާލިއްޔާއިން ދެމުންދާ ބަދަލުތައްދޭ ގޮތް ޕީޕީއެމްގެ ވެރިކަމެއްގައި ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ނިޒާމުގެ އަވާގައި ދިވެހި ރައްޔިތުންގެ ޖައްސާގައި ބަދަލުގެ ގޮތުގައި ފައިސާ ބަހާ ހުސްކޮށްލުންކަމަށެވެ. ރޭގެ ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބުކޫރް ވިދާޅުވީ ނިޒާމު ބަދަލު ކުރުމާއި ގުޅޭ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށް ނުގެންދާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒު ހުންނެވީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
ރޭގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސިލްގައި ހިމެނި ވަޑައި ގަންނަވާ އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ދައުލަތުން ބަދަލު ހޯދުމަށް މިހާރުވެސް 50 މައްސަލައެއްގެ ކުރިއަށް ދާކަމަށެވެ. އޭގެ ތެރެއިން މިސަރުކާރު އައިފަހުން ބަދަލު ނަގައި ދިނުމަށް އެދުނީ ކިތައް މައްސަލަތޯ އަދި އަނި ނިމިދިޔަ ސަރުކާރުގެ ކިތައް މައްސަލަތޯ ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވި ޕީޕީއެމްގެ ވެރިކަމެއްގައި ބަދަލުދޭ ކޮމިޓީގެ މައްސަލަތައް ބެލޭނެ ކަމަށެވެ. އަދި މިކަން ކުރަމުންދާ މިގޮތް އިންސާފުވެރި ގޮތެއްގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.
ނިޒާމުގެ އަވާގައި ރައްޔިތުން ޖައްސާފައި ވައުދު ފުއްދުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒު ހުރީ އުސޫލުން ބޭރުން ރައްޔިތުންގެ ޓެކްސް ފައިސާ ބަދަލުގެ ގޮތުގައި ކައިރީގައި ތިބި ބަޔަކަށް ބެހުން. ޕީޕީއެމްގެ ސަރުކާރެއްގައި ފައިސާ ބަހާ ގްރޫޕް (ސެޓްލްމަންޓް ކޮމިޓީ)ގެ ޖަރީމާތައް ބެލެވޭނެ.
– ޝިޔާމް ވިދާޅުވިއެވެ.
ބަދަލު ދިނުމާއި ގުޅޭގޮތުން މިރޭގެ ޕްރެސްގައި ކުރެވުނު ގިނަ ސުވާލުތަކަށް ޖަވާބު ދެއްވޭއިރު ގިނަ ސުވާލުތަކަށް އަހުމަދު ވިދާޅުވެފައިވަނީ ގިނަ މައުލޫމާތުތައް އަތްޕުޅުގައި މިވަގުތު ނެތްކަމަށެވެ. އެގޮތުން މިހާތަނަށް ދައުލަތުން ބަދަލުގެ ގޮތުގައި ދީފައިވަނީ ކިހާ މިންވަރެއްތޯއާއި، ކިހާ ފައިސާއެއް ދީފައިވޭތޯ ހާމަ ކުރައްވާފައިނުވެއެވެ. އަހުމަދު ވިދާޅުވީ މިހާތަނަށް 3 މައްސަލައެއްގައި ބަދަލުދީ ނިންމާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ބަދަލުގެ ގޮތުގައި200 ބިލިޔަަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކޮމެންޓު ފޮނުވާ