މާލޭ ސިޓީ ބިނާކުރުމުގައި ދިވެހި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރާނެ ކަމުގައި މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ނޫސްވެރިންނަށް ފޮނުވައި ޑރ.މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީއަކީ ތަރައްޤީއަށް ތަހުޒީބީ ގޮތުން ކުރިއަރާފައިވާ ނަމޫނާ ސިޓީއަކަށް ހެދުމަށް ދިވެހި މީޑިޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ފުރުސަތު ތަނަވަސް ކޮށްދެއްވާނެކަމަށެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހީވާގި ނޫސްވެރިނަށް އަރިސްކުރަން. އަދި ތަރައްޤީއާއި ތަހުޒީބުގެ ނަމޫނާ ސިޓީއެއްގޮތަށް މާލޭ ސިޓީ ބިނާކުރުމުގައި ދިވެހި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރާނެ ވާހަކަ ދަންނަވަން.
– މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒަކީ ކައުންސިލް އިންތީޚާބުގެ ކެމްޕެެއިންގައިވެސް މީޑީޔާއާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ޚާއްސަކޮށް ކަންކަން ހާމަކަން ބޮޑުކޮށް ކުރުމަށް ވަރަށް ބޮޑަށް މުއިއްޒު ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި ޖުމްލަ 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިރު، މި ލިސްޓުގައި މިހާރު ރާއްޖެ ހިމެނެނީ 72 ވަނައިގައެވެ. 2018 ވަނަ އަހަރު ރާއްޖެ އޮތީ މި ލިސްޓުގެ 120 ވަނައިގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން 22 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ ހޯދައި 2019 ވަނަ އަހަރު ރާއްޖެ އޮތީ މި ލިސްޓުގެ 98 ވަނައިގައެވެ. މީގެއިތުރުން ނިމިގެންދިޔަ އަހަރުގައި ރާއްޖެ އޮތީ 19 ދަރަޖައިގެ ކުރިއެރުމަކާއެކު 79 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ