ސުވާލު އުފެދި ދެވަނަ ފަހަރަށް އިންތިޚާބު ބޭއްވައިގެންވެސް މާވަށު ކައުންސި ރައީސްކަމުގެ ގޮޑީގެ ނަތީޖާ ބަދަލު ކުރަން އެކި ފަރާތްތަކުން ކުރި މަަސައްކަތް ނާކާމިޔާބުވެ، އިންތިޚާބު ޕީޕީއެމްގެ އަހުމަދު މޫސާ ކާމިޔާބު ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންސް އިން އިއުލާން ކޮށްފިެއެވެ.
މާވަށު ކައުންސިލް ރައީސްގެ ގޮޑި އަހުމަދު މޫސާއަށް ކާމިޔަބު ވިޔަނުދީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް އިލެކްޝަނުން މަސައްކަތް ކުރަމުންދާކަމަށްބުނެ އިދިކޮޅު ޕްރޮގްރްރެސިވް ކޯލިޝަންގެ ލީޑަރޝިޕުން ވަނީ އިންތިޚާބު ބޭއްވި ރޭ އިލެކްޝަން ކޮމިޝަންގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އިލެކްޝަންގެ އިސްވެރިންނާއި ބައްދަލުކޮށް އިންތިޚާބުގެ ވޯޓުގެ ކަންކަން ދިޔަ ގޮތާއިމެދު ވަނީ މަޝްވަރާ ކޮށްފައެވެ.
އިންތިޚާބުގެ ނަތީޖާ މިއަދު މިއުލާން ކޮށްފައިވާއިރު މާވަށު ކައުންސިލް ރައީސް ކަމަށް ވާދަކުރި އެމްޑީޕީގެ އާދަމް އަބްދުއްރަހްމާނަށް ލިބުނީ 531 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހުމަދު މޫސާ އަށް ވަނީ 557 ވޯޓް ލިބިފައެވެ. މިދެބޭފުޅުންގެ ދޭތެރޭ ފަރަގު 26 ވޯޓެއް ވެއެވެ. މިއީ ކުރިން އިދިކޮޅު ކޯލިޝަނުން ބުނި އަދަދަށްވެސް މަތީ އަދަދެކެވެ.
މަނަތީޖާއާއިއެކު މާވަށު ކައުންސިލްގެ ފަސް ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 5 ގޮޑިވެސް ވަނީ ޕީޕީއެމްއަށް ކާމިޔާބު ވެފައެވެ. މިއީ މާވަށުގެ ސައްތައިން ސައްތަ ސަރުކާރަށް ނޫނެކޭ ބުނުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
މިނަތީޖާއާއި ގުޅިގެން ޕީޕީެއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ނަތީޖާ ބަދަލު ކުރުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ރައްޔިތުން ނިކުމުގެ ވޯޓުން ބަލިކުރުމުން އެކަމާއި ދެން ކުރެވޭނެކަމެއް ނޯންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އެނާ ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި، ހިތު ހުރި ގޮތަކަށް ވެރިކަން ކުރަމުންދާތީ ރައްޔިތުން ސަރުކާރަށް ދޭ މެސެޖެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އިންތިޚާބެއް ބާއްވައި ވޯޓެއް ނަގައިފިނަމަ މިސަރުކާރަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމީ މިއަދު ޝައްކެއްވެސް އޮތް ކަމެއް ނޫންކަމަށެވެ. ޝިޔާމް ވަނީ މާވަށުގެ އިންތިޚާބު މިހާރު އުދަނގޫ ދަތި މަރުހަލާ ތެރެއިންވެސް ކާމިޔާބު ކުރެއްވި ކައުންސިލް ރައީސަށާއި، އިންތިޚާބުވި އެހެން ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ