ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒު ހުންނެވީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި، ނިޒާމު ބަދަލު ކުރުމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ފޮނުވާފައިވާ މެސެޖާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިވަތަރު ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަދަވަޅުން ނަގައި، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވަ ވައުދުތައް ފުއްދުމަށް ކަމަށެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ. އެކަމަށް ކުރީންވެސް ސަރުކާރުން ވަނީ ޖަވާބު ދެއްވާފައެވެ. މަބުރޫކް ވިދާޅުވީ އެ ޖަވާބުން ސަރުކާރުގެ ވިސްނުން ސާފު ކަމަށެވެ.
ރައީސްގެ ފޯކަސް ހުރީ މިކަމަށް ނޫން. ރައީސްގެ ފޯކަސް ހުރީ އިކޮނޮމީ ރިކަވަރީއަށް. ރައީސް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް.
– މަބުރޫކް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ