ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް އިންތިޚާބު ކޮށްފައިވާ ކައުންސިލަރުން ހުވާކުރުން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެލްޖީއޭއިން ބުނެފައިވަނީ ހުވާކުރުމުގެ އިންތިޒާމުތަކާއި، އިދާރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. ކައުންސިލަރުން ހުވާ ކުރުމަށް މިފަހަރުވެސް ހަމަޖެހިފައިވަނީ މީގެ ކުރިންވެސް ހުވާކުރުމުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ފަނޑިޔާރެއްގެ ކުރިފުޅުމަތީގައިކަމަށާއި، މިފަހަރުވެސް ހުވާ ކުރުން ހަމަޖެހިފައިވަނީ އެސޫލުން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ފައުރު ދަންމާލައި، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވާކުރުމާއި ހަމައަށް ކައުންސިލްގައި ދެމިތިބޭނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ