ނުރައްކާބޮޑުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފި

ނުރައްކާބޮޑުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 05:26
0

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އާންމުމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި 4 މޭ 2021 ން ފެށިގެން، އެއް ހަ ފުތާގެ މުއްދަތަށް، މާލެ ސަރަޙައްދު މާލެއާއި،ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި( ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައިވާކަމަށެވެ.

އަދި މިމުއްދަތުގައި ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. މި އެންގުމުގެ ދަށުން ފިޔަވަޅު އަޅައިފައިވާ ޚާއްޞަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަ ރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމަށް ވަނީ އަންގާފައެވެ.

މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަދި މިވަގުތުވެސް ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވާކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މިހާރު ދުވާލަކަށް އެވްރެޖްކޮށް 400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.