ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުން ސަސްޕެންޑްކޮށްފި

ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުން ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 04:57
0

ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން މިހާރު ވަނީ ދުރުކޮށްފައިކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.

ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުންވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.

މިމައްސަލަ ހިއުމަންރައިޓް ކޮމިޝަނުންނާއި، ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.