ފުލުހުންގެ އާދަވެފައިވާ ސަޤާފަތަކުން އަރައިގަނެވޭނީ ހާމަކަން ބޮޑުކޮށް ފިޔަވަޅުއެޅިގެން: އިންތި

ފުލުހުންގެ އާދަވެފައިވާ ސަޤާފަތަކުން އަރައިގަނެވޭނީ ހާމަކަން ބޮޑުކޮށް ފިޔަވަޅުއެޅިގެން: އިންތި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 02:38
0

ފާއިތުވެދިޔަ މާޒީގައި ފުލުހުންގެ ސަޤާފަތެއްގެ ގޮތުގައި އޮތްކަމެއް ރަނގަޅު ކުރެވޭނީ އެކަން ރަނގަޅުކުރާކަން ހާމަކަން ބޮޑުކޮށް ދައްކައި ދީގެންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މޭޑޭއާއި ގުޅިގެން ޒުވާނުން ތަކެއް އިސްނަގައިގެން ރޭ މާލޭގައި ކޮށްފައިވާ މުޒާހަރާގައި އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާކަމަށްބުނެ ފުލުހުން ކޮށްފައިވާ ޓްވީޓަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ މިއީ ފުލުހުންގެ ތެރޭގައި ޒަމާނުއްސުރެއް އޮތް ސަޤާފަތެއް ކަމަށެވެ. މި ކަމުން އަރައިގަނެވޭނީ އެފަދަ ކަންކަން ކުރާ ފުލުހުންނާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައި ހާމަކަން ބޮޑުކޮށް އެކަންކަން ބެލިގެން ކަމުގައި އިންތި ވިދާޅުވިއެވެ.

ކުރިން އާދަވެފައިވާ ސަޤާފަތަކުން އަރައިގެނެވޭނީ ވަރަށް ސީރިއަސް ކޮށް ތިކަން ނަގައިގެން. ވަގުތުން ވަގުތަށް ފިޔަވަޅު އަޅައިގެން. އަދި ފިޔަވަޅު އަޅާކަން އެންމެނަށް ދައްކައިދީގެން.

– އިންތި ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހްޤީޤު ކުރަން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ އަމުރުކުރައްވާފައެވެ. ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގައި ކުރިޔަށް ދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ފުރިހަމަ ތަހުޤީޤެއް ކުރައްވާނެކަމަށެވެ. ފުލުހުންގެ ޤާނޫނުގެ ދަށުން ތަހުޤީޤުކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް އަންގާފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އާންމުންގެ ކަންބޮޑުވުންތަކަށް ޤަދަރުކުރާކަމަށާއި، އެކަމަށް ޙައްލެއް ގެންނެސް ޕްރޮފެޝަނަލް ސްޓޭންޑަރޑަކަށް މައްސަލަ ބަލާނެކަމަށްވެސް ކޮމިޝަރ ވިދާޅުވިއެވެ.

ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުންވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.