ޖިންސީ ގޯނާއާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ރޭ މާލޭގައި ކުރި މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާ މައްސަލަ ބަލަންފަށާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން 01 މެއި 2021ގައި މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު ކޮމިޝަނުން ކަންބޮޑުވާކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ. އަދި ރޭގެ މި ހާދިސާއާއި ގުޅިގެން އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން މި މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް އާދަޔާއި ޚިލާފް ބާރުގެ ބޭނުން ކުރުމައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސޯޝަލް މީޑިޔާގައި އޮއްސާލާފައެވެ. މި މުޒާހަރާއަކީ އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމާތްވުމަށް ގޮވާލައި ކުރި މުޒާހަރާއަކަށްވާއިރު މުޒާހަރާ ހުއްޓުވަށް ފުލުހުން އަމަލުކޮށްފައިވާގޮތުން ރާއްޖޭގައި އެފުރުސަތު ދޭން ބޭނުންވާ މިންވަރު ހާމަވާކަމަށް ޝުއޫރު ފާޅު ކުރި މީހުން ވަނީ ލިޔެފައެވެ.
މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ލިބެމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް މާލޭގައި ކުރާ މިފަދަ ކޮންމެ މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ އަނިޔާއާއި، ސުލްހަ ވެރި އިހުތިޖާޖަށް ޖާގަދޭން ވައުދުވެ އައި ސަރުކާރަކަށްވާއިރު ސަރުކާރުގެ އަމަލުތަކުން ފެނިގެން މިދަނީ އަނިޔާގެ މައްޗަށް އަނިޔާ ދެނުންދާތަން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ