އިންޑިއާގެ އެކްޓްރެސް ނެހާ ދުޕީއާވެސް މި އުޅެނީ ރާއްޖޭގައެވެ.
ފިރިމީހާ އަންގަދް ބެޑީ އާއި އަންހެން ދަރިފުޅު މެހްރް އާއެކު ރާއްޖޭގައި ޗުއްޓީ ހާދަމުންދާއިރު، ރާއްޖޭގެ ރީތި ކަން ދައްކުވައިދޭ އަދި އޭނާގެ ރީތިކަން ދައްކުވައިދޭ އެތައް ފޮޓޯތަކެއް އެ ދަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ. މިގޮތުން ދާދި ފަހުން އޭނާ އެކަނި ފޮޓޯއެއް ހިއްސާކޮށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ހޯދާފައެވެ.
އެ ފޮޓޯގެ ފުރަގަހުން ރާއްޖޭގެ ރީތި މޫދު ފެނިގެން ދެއެވެ. އޭނާ ލައިގެން ހުރީ ރީތި ހެދުމެކެވެ. އެ ހެދުމާއެކު ތޮތްޕެއް އަތަށް ލައިގެން އޭނާ އުޅޭއިރު، އައިނެއްވެސް އަލާފައި ވެއެވެ. ރާއްޖެ އައި ފަހުން މިގޮތަށް އޭނާ ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައި ވެއެވެ. އޭގެ ތެރޭގައި ދަރިފުޅާއި ފިރިމީހާ ފެންނަ ފޮޓޯއަކާއި، ފިރިމީހާއެކު ޕޫލް ގައި ނަގާފައިވާ ފޮޓޯއެއްވެސް ހިމެނެއެވެ. އިންޑިއާ ތަރިންގެ މެދުގައި ރާއްޖެއަކީ ހަމަ މަރެކެވެ.
ނެހާ އާއި އަންގަދް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ދިއްލީގައެވެ. އެ މީހުންނަށް ފުރަތަމަ ދަރިފުޅު ލިބުނީ އެ އަހަރު ތެރޭގައެވެ. އަންގަދް އާއި ނެހާ އަކީވެސް އިންޑިއާގައި ކުރިއަރަމުން އަންނަ ދެ ތަރިންކަން ފާހަގަކޮށްލަން ޖެހެއެވެ.
ނެހާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކުރު ފިލްމް ޑެވީއިންނެވެ. އޭގައި އޭނާއާއެކު ކާޖަލް އާއި ޝްރޫތީ ހަސަންވެސް ފެނިގެން ދެއެވެ.
ކޮމެންޓު ފޮނުވާ