ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ފިނިބުރު

ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: ފިނިބުރު

އެއްދުވަހަކު އަމީނީމަގުން އަޅުގަނޑު ސައިކަލުގައި އަންނަނިކޮށް ކައިރިން ލާފައި ދިޔަ ސައިކަލެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ! ދުއްވަން އިނީ ބަލާބެލުމަށް ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. ފަހަތުގައި އިނީ އޭނާގެ ބުރަކަށީގައި 'ތަތްކޮށްފައިވާ ސްޓިކާ' އެއްހެން 'އޮތް' އަންހެނެކެވެ. ވާހަކަ ދައްކަމުން ދިޔައީ އާދައިގެ ވަރަކަށެވެ. ދައްކަމުން ދިޔައީ ކޮންމެވެސް 'ހަޑި' ވާހަކައެކެވެ. ނަމަވެސް ދެއްކި ވާހަކައިން މިއީ 'ފްރެންޑް ޒޯން' ގެ ބައެއް ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އެއްވެސް 'ޙައްދެއް ނެތް ފްރެންޑް ޒޯން' ކެވެ. ބުރުޖަހަނީ އެވެ.

ލޮބުވެތި މުސްލިމުންނެވެ! ފިނިބުރު ޖެހުމަކީ ރޯދަމަހުވެސް، އަދި ރޯދަމަހު ނޫނަސް މީހުން ކުރާހިތްވާނެ ކަމެކެވެ. އަދި ކުރަންވެސް ވާނެ ކަމެކެވެ. ސަބަބަކީ އެއީ ބައެއްފަހަރު މީހާގެ ކަންބޮޑުވުންތައް ފިލައި، ސިކުނޑިއަށް އާރޯކަމާއި ތާޒާކަން ގެނުވާ ކަމެެއްކަމުގައި ވާތީއެވެ. ނަމަވެސް މައްސަލައަކީ ހުއްދަ ކަމެއްގެ ތެރެއިން ޙަރާމް ކަމަކަށް މަގުކޮށާތީއެވެ. އޭގެ ތެރެއަށް ގޮސް ވެއްޓިގަންނާތީއެވެ.

މިޒާތުގެ ބައެއް މީހުން ބުނެއެވެ. ތިމާގެ ހިތް ވަރަށް ސާފެވެ! ހަމަ ހިތަކަށް އެކައްޗެއްވެސް ނާރައެވެ. މިހެންވެ އަހުރެމެން ހިލޭ އަންހެނަކު ލައިގެން ދުއްވަން ދިޔުމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެވެ. އަދި މިގޮތަށް ދާއިރު އަންހެން މީހާގެ ލަދުވެތި ގުނަވަން ތިމަންމެންގައި ބައެއް ފަހަރު ޖެހުނަސް ހަމަ ހިތަކަށް އެކައްޗެއްވެސް ނާރައެވެ. އާދެ! އެބުނާ ހިތް ވަރަށް ސާފެވެ!

ދަންނަވަންތޯއެވެ! އިސްލާމްދީނުގައި ހިލޭ ދެމީހަކު އެކަހެރިވުން، އަދި ކައިރިވުން މަނާކުރައްވާފައިވަނީ ހަމަ ދެމީހަކު އެއްތަންވާއިރަށް ޒިނޭކުރަން ފަށާތީކީ ނޫނެވެ. އެހެނެއްކަމަކު ޒިނޭއަށް މަގުފަހިވާތީއެވެ! ޝައިޠާނާ ގެ މަޅިއަކީ ވަރަށް ކެހިވެރި މަޅިއެކެވެ. ފުރުތަމަ އޭނާގެ އަމާޒަކަށް އޮންނާނީ، މީހާގެ ނަޒަރުގައި، ފާފަތައް ރީތި ކޮށްދީ އެއީ މާބޮޑުކަމެއް ނޫންކަން ދެއްކުމެވެ. އެއަށްފަހު މަޑުމަޑުން އެކަމުގެ ތެރެއަށް އިންސާނާ މަހާލައި، އެންމެ ފަހުން އޭނާ ލައްވައި އެންމެ ބޮޑެތި ގޯސްތައް ހަދުވާނެއެވެ. ﷲ ތަޢާލާ، މި ހުރިހައި ކަމެއް ދެނެވޮޑިގެންވެއެވެ. ޝައިޠާނުގެ ހުރިހައި ދަންތުރަތައް މޮޅަށް ދެނެވޮޑިގެން ވެއެވެ. އުޞޫލުތައް އިސްލާމްދީނުގައި ކަނޑައެޅިފައިވަނީ މިހެންވެއެވެ. އެއީ އެކަލާނގެ ރަޙުމަތްވަންތަ ކަމުގެ ބޮޑުކަމުން އިންސާނުންނަށް ރަނގަޅަކަށް، އިންސާނުން ރައްކާތެރިކަމަށްޓަކައި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އުޞޫލުތަކެކެވެ.

'މިކްސް' ވުން ވެސް މަނާކުރައްވަނީ މިހެންވެއެވެ. ނިކަން ﷲ ތަޢާލާގެ ބަސްފުޅަށް ބަލާލާށެވެ! (وَلَا تَقْرَبُوا الزِّنَىٰ) (الإسراء:32) މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ!" މި ބަސްފުޅަށް ފުންކޮށް ނަޒަރު ހިންގާލުމުން ދޭހަވަނީ، މިތަނުގައި އޮތީ "ޒިނޭ ނުކުރާށޭ!" ގެ ބަދަލުގައި "ޒިނޭއާއި ގާތްނުވާށެވެ!" މިހެން ކަމެވެ. ނުކުރުމަށްވުރެ ގާތްނުވުމަށްވެސް އެންގެވުން މާ ފުރިހަމަވެފައި މާ ބަލާޣާތްތެރިއެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގެ މުރާދަކީ ޒިނޭއަށް މަގުފަހިވެދާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. އެފަދަ އެއްވެސް ޢަމަލެއް އެއްވެސް މުސްލިމަކު ނުކުރުމެވެ. އެކަމާ 'ގާތްވެސް' ނުވުމަކީ އެއީއެވެ!

ޝައިތާނާ އަކީ ބުއްދިވެރި މަޣްލޫޤެކެވެ! އޭނާގެ ކެހިވެރިކަން އަންނަހުށީ ފަހަރަކު ހަރުފަތެއް ހަރުފަތެއް ގިރާކުރަމުންނެވެ. މިޒަމާނުގެ ބަހުންނަމަ، "ސްޓެޕް ބައި ސްޓެޕް" އެވެ. ޔަޤީނުންވެސް ނުރައްކާ އެބަ އޮތެވެ. ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ ބުނެ އުޅެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *