އަޑިއަށްދިޔަ ސަބްމެރިންގެ ފަޅުވެރިން އެކީ ކިޔާފައިވާ ވީޑިއޯ ލަވައެއް އަސްކަރިއްޔާއިން އާންމު ކޮށްފި

އަޑިއަށްދިޔަ ސަބްމެރިންގެ ފަޅުވެރިން އެކީ ކިޔާފައިވާ ވީޑިއޯ ލަވައެއް އަސްކަރިއްޔާއިން އާންމު ކޮށްފި

Author
ހުސެއިން
28 އޭޕްރިލް 2021 06:36
0

އަސްކަރީ ތަމްރީތަކެއްގައި އުޅެނިކޮށް، އަޑިއަށް ގޮސްފައިވާ އިންޑޮނޭޝިއާގެ ސަންމެރީންގައި ތާށިވެ، މަރުވެފައިވާ ފަޅުވެެރިން އެކީގައި ކިޔާފައިވާ ވީޑިއޯ ލަވައެއްގެ ރެކޯޑިންއެއް އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން އާންމު ކޮށްފިއެވެ.

މި ވީޑިއޯއަކީ، ސަބްމެރިން އަޑިއަށް ދިއުމުގެ ހާދިސާގެ ހަފްތާތަކެއް ކުރިން، ސަބްމެރިންގެ ތެރޭގައި ތިބެގެން ފަޅުވެރިން ރެކޯޑް ކޮށްފައިވާ ވޯޑިއޯ ލަވައެކެވެ. މި ލަވައަކީ، އިންޑޮނޭޝިއާގައި މަޝްހޫރު ލަވައެކެވެ. ލަވައިގެ ނަމަކީ، ސަމްޕައި ޖުމްޕާ (ފަހުން އަދި ބައްދަލުވާނެ) އެވެ.

ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ގެއްލިފައިވާ އިންޑޮނޭޝިއާގެ މި ނޭވީ ސަބްމެރިންގެ ބައިތައް ކަޑުގެ އަޑިން ފެނިފައިވާ ކަމަށާއި، އަދި ސަބްމެރިންއިން ދަތުރު ކުރަމުންދިޔަ 53 ފަޅުވެރިންވެސް މަރުވެފައި ވާކަން ޔަގީން ކުރެވިފައިވާ ކަމަށް، އިންޑޮނޭޝިއާގެ މިލިޓަރީ ކޮމާންޑަރ އެއަރ ޗީފް މާޝަލް ހާދީ ޖަހުޖަންޓޯ ހާމަ ކޮށްފައިވަނީ މި ހަފްތާގެ ހޮނިހިރު ދުވަހުއެވެ.

ގެއްލިފައިވާ ސަބްމެރިން ކަނޑުގެ އަަޑިން ހޯދިފައިވާކަން އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައި މިވަނީ، މި ސަބްމެރިންގެ ބައިތައް ކަމަށް ބެލެވޭ ބައެއް ބައިތައް، އެންމެފަހުން ސަބްމެރިންގެ މައުލޫމާތު ލިބިފައިވާ ސަރަހައްދާއި 2 މޭލެއްހާ ދުރުން ފެނުނުތާ އެއްދުވަސް ފަހުންނެވެ.

ގެއްލުނުއިރު، މި ސަބްމެރިން ދިޔައީ އަސްކަރިއްޔާއިން ކުރިޔަށް ގެންދިޔަ ޓޯޕިޑޯގެ ތަމްރީންތަކެއްގައި ބައިވެރި ވަމުންނެވެ. ސަބްމެރީނަށް މައްސަލަތަކެއް ދިމާވާން މެދުވެރިވީ ސަބަބުތަކެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

ސަބްމެރިންގެ ތެރޭގައި ތިބެގެން ފަޅުވެރިން ރެކޯޑު ކޯށްފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ސަބްމެރިންގެ ކޮމާންޑަރ ހެރީ އޮކްޓަވިއަން އޭނާގެ ވަށައިގެން އެހެން ފަޅުވެރިން ތިބިއިރު، ގެންދިޔައީ އަތުގައި އޮތް ގިޓައަކުން މިއުޒިކް ކުޅެމުންނެވެ.

"އަހަރެން މިހިރީ ކަލާގެ ހަދާންތައް އާކުރުމަށްވެސް ތައްޔާތަކަށް ނޫން.. އަދި ކަލާއާއި ވަކިން ދިރި އުޅޭކަށްވެސް ތައްޔާރު ވެގެނެއް ނޫން. އަހަރެން އެދެނީ ކަލާއަށް އުފާވެރި ބާއްޖަވެރި މުސްތަގުބަލަކަށް،" ފަޅުވެރިން ކިޔަމުންދިޔަ މި ލަވައިގައި ބުނެފައި ވެއެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، މި ރެކޯޑިންއަކީ، މި ސަބްމެރިންގައި ވަޒީފާ އަދާ ކުރުމަށްފަހު، ސަބްމެރިންގެ ވަޒީފާއިން ވަކިވެގެން ދިއުމަށް ހަމަޖެހިފައިވާ ނޭވީގެ ސަބްމެރިން ކޯޕްސްގެ ކޮމާންޑަރ އަށް އަލްވަދާއު ކިއުމަށް ފަޅުވެރިން ރެކޯޑް ކޮށްފައިވާ ލަވައެކެވެ.

މި ސަބްމެރިން ކަޑުގެ އަޑީގައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް ލިބިފައިވަނީ، ސިންގަޕޫރުގެ ރެސްކިއު އުޅަދަކުން މާ ކަނޑުގެ އަޑިއަށް ފޮނުވި ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރާ އުޅަދެއް ބޭނުން ކޮށްގެންނެވެ.

މިގޮތުން، އިންޑޮނޭޝިއާގެ ނޭވީ ޗީފް ޔޫޑޯ މަރގޯނޯ ވިދާޅުވި ގޮތުގައި، ސަބްމެރިން ފެނިފައިވަނީ، ކަނޑުގެ އަޑިން 850 މީޓަރު ފުނުންނެވެ. އަދި ސަބްމެރިންވަނީ، ބިންދައިގެން ގޮސް، 3 ބަޔަކަށް ބައި ވެފައެވެ.

އިންޑޮނޭޝިއާގެ މިލިޓަރީ ކޮމާންޑަރ އެއަރ ޗީފް މާޝަލް ހާދީ ޖަހުޖަންޓޯ ވަނީ، ސަބްމެރިންއިން ދަތުރުކުރި ކުރޫންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ވިދާޅުވީ، “ގޯލްޑެން ޝާކް ޔުނިޓް”ގެ ނަމުން ނަންދެވިފައިވާ މި ޔުނިޓްގެ ހުރިހާ ފަޅުވެރިނަށްވެސް ޝަރަފުގެ މަގާމްތައް ދެވި، ރޭކްތައް މަތި ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަބްމެރިން ކަނޑުގެ އަޑިން ނެގުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނެތީ، އިންޑޮނޭޝިއާގެ ސަރުކާރުން، އިންޓަރނޭޝަލަން ސަބްމެރިން އެސްކޭޕް އެންޑް ރެސްކިއު ލިއަސަން އޮފީހާއި ގުޅިގެން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.