މާލޭގެ މިސްކިތަކަށް މަޣްރިބް ނަމާދަށް އަޅުގަނޑު ދިޔަ ދުވަހެކެވެ. ކޮން މިސްކިތެއްކަން ކޮންމެހެން ބުނާނެކަމެއް ނެތް ތާއެވެ. ކޮންމެއަކަސް ސައިކަލް ޕާކްކޮށްލައި، އަޅުގަނޑު މިސްކިތަށް އަރަންވެގެން ހިނގައިގަތްޖައީމެވެ. މިހެން ދަނިކޮށް އަޅުގަނޑުގެ ލޮލުގައި އަޅައިގަތް މަންޒަރަކީ އެމިސްކިތް ހުރި މަގުގެ އަނެއްފަރާތުގައި ހަދާފައިވާ ފުޓްސަލް ދަނޑެއްގައި، ޒުވާން ޢުމުރުގެ ބާލިޣުވެ، ބޮޑެތިވެފައިވާ ދިވެހި ފިރިހެނުންތަކެއް، ނަމާދަށް ބަންގި ގޮވައި، ނިމި، ޤަމަތް ދިންއިރުވެސް ހަމަ ފުޓްބޯޅާ ކުޅުމުގައި މަޝްޣޫލުވެފައިވާ މަންޒަރެވެ. މިސްކިތް އެހެރީ އެތާ 'ބުޑު' އެވެ. ބަންގިގޮވަނީ ވަރުގަދަ ލައުޑަކުންނެވެ. ނަމާދަށް އެހެރަގެން މީހުން އަރަނީއެވެ. ކުޑަކުދިންނެވެ. ބޮޑެތި މީހުންނެވެ. ނަމަވެސް އަޅުގަނޑު ދެންނެވި އެއްކަލަ 'ގްރޫޕަށް' މިސްކިތް ނުފެންނަ ކަހަލަ އެވެ. ބަންގީގެ އަޑު ނީވޭ ކަހަލައެވެ. ހިތްތައް ތަޅުލެވިފައިވާ ކަހަލައެވެ. ތިޔަބޭފުޅުން ވިދާޅުވެބައްލަވާށެވެ! މިވަރު ފުކެއް ބޮޑުވަރެއް ނޫންހެއްޔެވެ؟ ލަދެއްވެސް ހަމަނެތީބާއެވެ؟!
ލޮބުވެތި އަޚުންނެވެ! ކުޅިވަރު 3 ބަޔަކަށް ބެހެއެވެ. އެއީ ހުއްދަ ޙަލާލް ކުޅިވަރާ، ޙަރާމް ކުޅިވަރާ، އޭގެ ޒާތުގައި މަނާ ނުވިޔަސް، އެކުޅިވަރެއް ކުޅެވޭގޮތުން މަނާވާ ކުޅިވަރުތަކެވެ.
އެންމެ ފުރަތަމަ ކުޅިވަރުގެ ތެރެއިން އިސްލާމްދީނުގައި ސީދާ މަނާވެގެންވާ ޒާތުގެ ބައެއް ކުޅިވަރުތަކާ ބެހޭ ވާހަކަ ދައްކަމާ ހިންގަވާށެވެ! މިސާލަކަށް ޖުވާކުޅުން ނަންގަވާށެވެ! މިފަދަ ކަންކަމަކީ ދުވަހަކުވެސް ހުއްދަނުވާނެ ކަންކަމެވެ. މިއިން ކުޅިވަރަކާއި ވައިއެޅުންވެސް "އިސްލާމުންނަކަށް" ހުއްދައެއް ނޫނެވެ. އަނެއްބައި ކުޅިވަރުތަކަކީ އޭގެ ޒާތުގައި ހުއްދަ ނަމަވެސް، އެކުޅިވަރެއް ކުޅޭގޮތުން އެކަމެއް އެބަޔަކަށް މަނާވާ ކަހަލަ ކުޅިވަރެވެ. މިސާލަކަށް ފުޓްބޯޅަ އަކީ ހަމަ ހުއްދަ ކުޅިވަރެކެވެ. އެންމެންވެސް ފުޓްބޯޅަ ކުޅުމަށް ލޯބިކުރެއެވެ. ޚުދު އަޅުގަނޑުވެސް ފުޓުބޯޅައަށް ވަރަށް ޝައުޤުވެރިވެއެވެ. ނަމަވެސް 'އެއްކަލަ ގްރޫޕް' ހެން ނަމާދު އަޅާފައި، ނުވަތަ މިސްކިތުގެ ޙުރުމަތް ކަނޑައިފައި ކުޅުމަކީ ހުއްދަކަމެކޭ ބުނެވޭނީ ކޮން އުޞޫލަކުން ހެއްޔެވެ؟ ވިސްނަވާށެވެ! މިތާ ހަރާމްވަނީ ކުޅޭ ކުޅިވަރެއް ނޫނެވެ. ކުޅެވޭ ގޮތެވެ. ހަމައެގޮތަށް ފެތުމުގެ މުބާރާތްތަކަކީ ވެސް މުހިންމު މުބާރާތްތަކަކެވެ. ނަމަވެސް ފަތަނީ، ޢައުރަ ނުފޮރުވައި، އަންހެން ކަނބަލުންގެ ހަށިގަނޑުގެ އެތައް ބައެއް ހާމަޔަށް ފެންނަން އޮންނާނޭ ހެން ކަމަށްވަނީނަމަ، އެކަމަކީ ވެސް ހުއްދަކަމެކޭ ނުބުނެވޭނެއެވެ. ސަބަބަކީ ހިލޭ ބައެއްގެ ކުރިމަތީގައި، ޢައުރަ ކަޝްފު ނުކޮށް ރައްކާތެރިކުރުމަށް ﷲ އަންގަވާފައިވާ އަމުރުފުޅެވެ. މިއަމުރުފުޅުގެ މައްޗަށް ހިންގޭނޭ އެއްވެސް އަމުރެއް އޮންނާނެ ހެއްޔެވެ؟! ނުވާނެ ކަން ކަށަވަރެެވެ.
އަދިވެސް އެހެން މިސާލެއް ނަގަމާތޯއެވެ! އަންހެނުން ފިރިހެނުން 'މިކްސް' ވެގެން ކުޅެވޭ އެކި ޒާތްޒާތުގެ ކުޅިވަރުތަކެވެ. މިސާލަކަށް ފެންކުޅި އެވެ. މި 'މިކްސް' ވުން ހިނގާނަމަ މިކަމަކީވެސް ޝައްކެއްނެތް ގޮތުގައި ޙަރާމް ކަމެކެވެ. ސަބަބަކީ ހިލޭ 2 މީހަކު އެކަކު އަނެކަކު ގަޔަށް އަތްލައި އުޅުން ވަނީ ކާއިނާތުގެ ވެރި ރައްބު މަނާކުރައްވާފައިވުމެވެ. ފެންކުޅި ކުޅެންވެގެން ގޮސް، މިފަދަ ނޭއްގާނީ ޢަމަލުތައް ބައެއް މީހުން ކުރެއެވެ. ބައެއް ރަށްރަށުގައި ވެސް ކުރެއެވެ. އަދި ހަމައެހެންމެ މިފަދަ ޢަމަލުތައް ކުރަމުންގޮސް މިއަށްވުރެ ބޮޑެތި ޢަމަލުތައް ވެސް ހިނގާފައިވާ ވާހަކަ އަޅުގަނޑުމެން އަޑު އަހަމެވެ.
ދަންނަވަންތޯއެވެ! ދުނިޔޭގެ ޙަޔާތަކީ ކުޑަވަގުތު ކޮޅެކެވެ. މާދަމާ ވެސް ﷲ ގެ ހަޒްރަތަށް ގޮވާލެވިއްޖެނަމަ، ލަހެއް ފަހެއް ނެތި އެމީހަކު ޖެހޭނީ ދާށެވެެ! އެއްކުރި މުދަލަކުން ހޯދި ފައިސާ އަކުން، އެދުވަހަކުން ސަލާމަތެއް ނުވެވޭނެއެވެ. ފައިދާއެއް ނުކޮށްދެވޭނެއެވެ. ހެޔޮގޮތުގައި ދުނިޔޭގައި އުޅެފިމީހަކަށް މެނުވީއެވެ. ﷲ ގެ ހަޒްރަތަށް ޤާއިމްކުރެވޭ ދުވަހު، ކާއިނާތުގެ ވެރި ރައްބު، ތިބާ ދުނިޔޭގައި ޙަޔާތް ވޭތުކުޅައީ ކިހިނެއްހޭ އައްސަވާ ވޮޑިގެންނެވީމާ، "ތިމަންނަ ދުނިޔޭގައި އުޅުނީ ހުސް ކުޅިވަރު ކުޅުމާ މަޖާކުރުމުގައިޔޭ" ބުނެގެން ސަލާމަތްވާނެ ހެއްޔެވެ؟ ފަރުޖެއްސޭނެ ހެއްޔެވެ؟ ބޯދަމައިގަނެވިދާނެ ހެއްޔެވެ؟ ވިސްނަވާށެވެ! ކުރިމަތީގައި 2 މަގު މާތްރަސްކަލާނގެ ކޮންމެ މީހަކަށްވެސް ދެއްވިއެވެ. އެމީހަކު ހިނގާނެ މަގެއް ކަނޑައަޅާނީ އެމީހެކެވެ!
އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.