އިންޑޮނޭޝިއާގެ ގެއްލިފައިވާ ސަބްމެރީންގައި ތިބި ހުރިހާ ފަޅުވެރިންވެސް މަރުވެފައިވާ ކަމަށް ބެލެވިއްޖެ

އިންޑޮނޭޝިއާގެ ގެއްލިފައިވާ ސަބްމެރީންގައި ތިބި ހުރިހާ ފަޅުވެރިންވެސް މަރުވެފައިވާ ކަމަށް ބެލެވިއްޖެ

Author
ހުސެއިން
24 އޭޕްރިލް 2021 07:11
0

ގެއްލިފައިވާ އިންޑޮނޭޝީއާގެ މިލިޓަރީ ސަބްމެރީންގެ ބައެއް ބައިތައް ފެނިފައިވާއިރު، އެ ސަބްމެރީންއިން ދަތުރުކުރި 53 ފަޅުވެރިންގެ ތެރެއިން މީހަކު ދިރި ހުއްޓާ ފެނިދާނެކަމުގެ އުއްމީދު ފަޑު ވެއްޖެއެވެ.

އިންޑޮނޭޝިއާގެ އެއަރ މާޝަލް ހާދީ ޖާހުޖަންޓޯ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ފެނިފައިވާ މި ސަބްމެރިންގެ ބައިތަކުގެ ތެރޭގައި، ލުބްރިކަންޓް ފުޅިއަކާއި އަދި ސަބްމެރިން އިން އުދުއްސާލާ މިސައިލް (ޓޯޕިޑޯ) ހިމާޔަތް ކުރާ ބައެއް އާލާތްތައް ހިމެނޭ ކަމަށެވެ.

"ސަބްމެރިން އެންމެ ފަހުން ފެނިފައިވާ ހިސާބުން ފެނިފައިވާ ބައިތަަކަކީ މި ސަބްމެރިންގެ ބައިތައް ކަމުގައި ބެލެވޭ،" އޭނާ ވިދާޅުވިއެވެ. "ސަބްމެރިގެ އެތެރޭގެ ޕްރެޝަރ އިންތިހާއަށް ގަދަވެގެން މެނުވީ މިތަކެތި ސަބްމެރިންގެ ތެރެއިން ބޭރަށް ނުކުމެގެން އައިސްފައެއް ނުވާނެ."

އިންޑޮނޭޝީއާގެ ކަނޑުގެ ފްލީޓުގައި ހިމެނޭ 5 ސަބްމެރިންގެ ތެެރެއިން އެއް ސަބްމެރިން ގެއްލިފައިވަނީ، އިންޑޮނޭޝިއާގެ ފަތުރުވެރި ރަށެއްކަމުގައިވާ ބާލީގެ ބޭރުގައި ބޭއްވުނު، ލައިވް ޓޯޕިޑޯ ތަމްރީންތަކެއްގައި ބައިވެރި ވަމުން ދަނިކޮށެވެ.

އިންޑޮނޭޝިއާގެ ނޭވީގެ އެންމެ އިސްވެރިޔާ ޗީފް ޔޫޑޯ މާގޯނޯ ހޮނިހިރު ދުވަހު ވިދާޅުވީ، ގެއްލިފައިވާ ސަބްމެރިންއިން ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޮނިހިރުދުވަހު ކަނޑުން ފެނިފައިވާ ކަމަށެވެ. މީގެތެރޭގައި، ޓޯޕިޑޯ އަމާޒުކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ، ގްރީސް ފުޅިއަކާއި، އަދި މީގެއިތުރުން ނަމާދު ކުރުމަށް ބޭނުންކުރާ މުސައްލަވެސް ހިމެނެއެވެ.

"މި ފެނުނު ތަކެއްޗަކީ ސަބްމެރިންއިން ފެނުނު ތަކެތި ކަމަށް ޔަގީކޮށް، އަހަރެމެންގެ ފޯކަސް މިހާރު މިހުރީ ސަބްމެރިން ގެއްލުނު ހިސާބަށްވުރެ ބޮޑަށް ސަބްމެރިން އަޑިއަށް ގޮސްފައިވާ ހިސާބަށް،" މާގޯނޯ ވިދާޅުވިއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ސަބްމެރިންގައި ދަތުރު ކުރި 53 ފަޅުވެރިންނަށް ބޭނުންވާވަރަށް ހުރި އޮކްސިޖަން ހޮނިހިރު ދުވަހު ވާނީ ހުސްވެފައެވެ.

މާރގޯނޯ އިތުރަށް ވިދާޅުވި ގޮތުގައި، ސަބްމެރިން ހޯދުމަށް ކުރެވުނު މަސައްކަތަކުގެ ތެރޭގައި، ކުރެވުނު ސްކޭންތަކުން، ކަނޑުގެ 850 (2,788 ފޫޓު) މީޓަރު އަޑިން ސަބްމެރިން ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ، މި ސަބްމެރިންއަށް މަސައްކަތް ކުރެވިދާނެ ވަރަށްވުރެ މާ ބޮޑަށްވެސް ފުނެވެ.

މި ސަބްމެރިންއަކީ، އެންމެ ފުން ވެގެންވެސް، 500 މީޓަރު (1,640 ފޫޓު) އަޑިގައި ހަރަކާތްތެރި ވެވޭގޮތަށް ޑިޒައިން ކުރެވިފައިވާ ސަބްމެރިނެކެވެ.

"ސަބްމެރިންގައި ހިގީ ގޮވުމެއް ނަމަ ފެންނާނީ ސަބްމެރިންގެ ކުދި ކުދި ވެފައިވާ ބައިތައް. ބެލެވޭ ގޮތުގައި، ސަބްމެރިން، 300 މީޓަރުން، 400 މީޓަރުން 500 މީޓަރު އަޑިއަށް ފީނި އިރު ސަބްމެރިންގެ އެކި ބައިތަކުގަ ވަނީ ރެނދުތައް ލާފަ.. ސަބްމެރިންގައި ގޮވުމެއް ހިނގިނަމަ، ސޯނާއަށް ގޮވުމުގެ އަޑު ރެކޯޑް ކުރެވިފައި ހުންނަން ވާނެ،" މިހާތަށް އަދި އެއްވެސް މީހެއްގެ ހަށިގަޑު ފެނިފައި ނުވާކަމަށް ވިދާޅުވަކުން މާރގޯނޯ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އަސްކަރިއްޔައިން މިހާރު ތައްޔަރު ވަމުންދަނީ، ކަނޑުގެ 850 މީޓަރު އަޑިން މި ސަބްމެރިން ތިލަ ކުރުމަށެވެ.

މި ސަބްމެރިން ގެންލެން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ނޭގިއެވެ. އިންޑޮނޭޝީއާގެ ނޭވީއިން ބުނެފައިވަނީ، ސަބްމެރިކްނެ އިލެކްޓްރިކް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެމަޖެންސީކޮށް، ފެނުން މައްޗަށް އެރުމަށް އަމަލްކުރަންޖެހޭ ބޭނުންކުރަންޖެހޭ ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ވެނަފައި ނުވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޖަރުމަނުން ބަނދެފައިވާ، ޑިސަލް ބޭނުން ކޮށްގެން ދުއްވާ،  KRI Nanggala-402 މަރުކާގެ މި ސަބްމެރިންއަކީ 1981 އިން ފެށިގެން އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ ސަބްމެރިން އެކެވެ. އިންޑޮނޭޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، މި ސަބްމެރިން ގެއްލުނުއިރު، ސަބްމެރިންގައި ތިބީ، 43 ފަޅުވެރިންނާއި، ޓޯޕިޑޯ އޮޕްރޭޓްކުރާ މީހުންނާ އަދި ސަބްމެރިންގެ ކޮމާންޑަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.