ޔާމީން މަރުގެ މައްސަލާގައި ކުރީސަރުކާރުން ހޯދި ކުރިއެރުމެއް ފިޔަވާ އިތުރުކަމެއް ކުރެވިފައިނެތް: އާއިލާ

ޔާމީން މަރުގެ މައްސަލާގައި ކުރީސަރުކާރުން ހޯދި ކުރިއެރުމެއް ފިޔަވާ އިތުރުކަމެއް ކުރެވިފައިނެތް: އާއިލާ

Author
މުޙައްމަދު ޖިމީ
23 އޭޕްރިލް 2021 07:59
0

އަނިވާރިގޮތަކަށް މަރާލަފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޙާސިލްވިކަމެއް ފިޔަވާ އިތުރު ކަމެއް މިހާތަނަށް ކުރެވިފައިނުވާކަމަށް ޔާމީން ރަޝީދުގެ އާއިލާއިން ބުނެފިއެވެ.

އޮންލައިން ނޫސް "އަދަދު"އަށް ޔާމީން ރަޝީދުގެ ދައްތަ ލިޔުނު ލިޔުމެއްގައި ވަނީ، ކުރީގެ ރައީސް ޢަބްދުﷲޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު އޮތްއިރުގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެޅުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިކަމަށެވެ. އެންމެ ބޮޑު ގެއްލުމަކަށް ވަނީ، ޔާމީން މަރާލުމަށް އަންގާ، އެކަމަށް ފައިސާ ހަރަދުކުރި ބަޔަކު ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރުންކަމަށް ފާހަގަކުރަމުން ޔާމީން ރަޝިދުގެ ދައްތަ ބުނެފައިވަނީ އޭރުގައި ކުރެވިފައިހުރީ ކޮންކަމެއްތޯ ވެސް ވިސްނާލުން މުހިއްމުކަމަށެވެ. ސަބަބަކީ އެނޫންކަމެއް މިހާތަނަށްވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހާސިލުކުރެވިފައި ނުވާކަންކަމަށް ޔާމީން ރަޝީދުގެ ދައްތަ ބުނެފައެވެ.

ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ކުޑަދުވަސްކޮޅެއްގެތެރޭގައި ފުލުހުން ބަޔަކު ހައްޔަރުކުރި އެވެ. އަދި އެމީހުންގެ ތަހުގީގެއް ހިންގައި، ހަ މީހެއްގެ މައްޗަށް ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ. ދައުވާ އުފުލިއިރުގައި ޕްރޮސިކިއުޓަރޖެނެރަލަކީ އަލްއުސްތާޒާ އާއިޝަތު ބިޝާމް އެވެ. އެއަށް ފަހުގައި، އަދި އޭގެ އިތުރުން ކުރެވުނު މަސައްކަތާއި، ކަންތައް ގޮސްފައިވާ ހިސާބަށް ބަލައިލަމާ ހެއްޔެވެ.

– ޔާމީން ރަޝީދުގެ ދައްތަ ލިޔެފައިވެއެވެ.

ޔާމިން ރަޝިދު އަނިޔާވެރިގޮތަކަށް މަރާލިތާ މިއަދަށް4 އަހަރުވަނީ ވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲއާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދެއްވާނެކަމުގެ ވަޢުދާއެކުއެވެ. އަދި މިސަރުކާރު އައި ޔާމީން ރަޝީދާއި ރިޟްވާންގެ މަރަށް އިންސާފްު ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުންތަކުގައިވެސް ރައީސް އިބްރހީމް މުޙައްމަދު ޞާލިހާއި، މިސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

ޔާމީން ރަޝީދުއާއި އަޙްމަދު ރިޟްވާންގެ އާއިލާއިން މިސަރުކާރު ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިކަން އެއާއިލާތަކުން ފާހަގަކުރެއެވެ. ނަމަވެސް ސަރުކާރު ދެބައިވެގެން ދިޔައިރުވެސް އެ މަރުތަކުގެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން އެއާއިލާތަކުންނާއި އެހެން ބައެއް ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރި ކެމްޕޭނުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު "ވިއްކި" އެއް ވައުދަކީ ޔާމީން ރަޝީދުއާއި އޭނާގެ އަޚް، ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިދިނުމެވެ. ސިޔާސީ ވެރިންނަށް ބޮޑެތި ޖަލްސާތަކުގައި ކަރުނަ އޮހޮރާލުމަކީ ވަރަށް ފަސޭހަކަމެއްކަން ފެނިއްޖެ އެވެ. އާ ސަރުކާރު އުފެދުމާއިއެކުގައިހެން 2018 ވަނަ އަހަރުގައި ރިޔާސީ ގަރާރަކުން 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހްގީގުކުރާ ކޮމިޝަން' އުފެއްދި އެވެ. އެ ކޮމިޝަނުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއްސުޢޫދު ވިދާޅުވީ ދެ އަހަރު ދުވަހުގެތެރޭގައި މައްސަލަތައް ތަހުގީގުކޮށް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ފެށުނު އިރުގައި ކޮމިޝަންގެ ރައީސް ވެސް ގެއްލިއްޖެ އެވެ. އަދި ކޮމިޝަނަށް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރާކަށް ނުވެސް ފެށެ އެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގައި އެމައްސަލައާއި ގުޅުންހުރި ޝަރީއަތެއް ހިނގަމުންދާތީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދަތިވާތީކަމަށްވެ އެވެ. މިއޮތީ މައްސަލަ އައިސް ވަށާ ޖެހިފައެވެ. ކްރިމިނަލް ކޯޓުން ބުނީ މައްސަލަ ލަސްވީ އެއް ސަބަބަކީ ދިފާއީ ވަކީލުން އެމައްސަލައާއި ގުޅުންހުރި އެހެން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާތީ، އެމައްސަލަ ނުނިމިގެން ކަމަށެވެ.

– ޔާމީން ރަޝޫދުގެ ދައްތަ ލިޔެފައިވެއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭގެ މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.