ރާއްޖޭގައި ވެރިކަން ކުރައްވާފައިވުމަށްފަހު މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުންނާއި، ވެރިކަން ކުރައްވަމުންދާ ރައީސްވެސް ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ވިސްނުމާއި ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވަނީ މަސެޖަކުން ބަރުލަމާނީ ނިޒާމަށް ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ. ނަޝީދުގެ މެސެޖަށް ރައީސް ޞާލިހު ޖަވާބު ދެއްވާފައިވަނީ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.
ނަޝީދުގެ މެސެޖާއި ގުޅިގެން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އޮތީ ރައްޔިތުންގެ ބޮޑު އައުލަބިއްޔަތަކުން ކަނޑައަޅާފައިކަމަށެވެ. އެނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ތާއީދު ކުރާނެ ކަމެއްނޫންކަމަށެވެ.
ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް. ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ނަޝީދުގެ ވިސްނުމަށް، ރައީދު ވަހީދު ވިދާޅުވެފައިވަނީ ވަކި މީހަކު ވެރިކަމުގެ ހަވަސާގައި ހުންނަން ޖެހުމަކީ ނިޒާމު ބަދަލު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. ނިޒާމު ބަދަލު ކުރެވޭނީ އެގޮތް ރައްޔިތުން ބޭނުން ވެގެން ރައްޔިތުން އެކަން ވަކި ގޮތަކަށް ނިންމުމުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ އެއްނޫން. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ.
– ރައީސް ވަހީދު ވިދާޅުވިއެވެ.
ނަޝީދުގެ ބަރުލަމާނި ވިސްނުމަށް ކޯލިޝަންގެ އެއް ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސްގެ ޚިޔާލުވެސް ތަފާތެވެ. އަދި އެޕާޓީގެ އިލްމުވެރިން ގެންދަވަނީ ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިކަން ކުރުމަށް ކުފޫ ހަމަވާ ވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ވިދާޅުވެފައިވަނީ
ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އަމިއްލަ މަސްލަހަތު ދޫކޮށްގެންކަމަށެވެ. ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ހައްލުވާނީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި ތިއްބެވި ބޭފުޅުން އަމިއްލަ މަސްލަހު އެއްފަރާތްކޮށް ޤައުމީ މަސްލަހަތުގައި މަސައްކަތްކަަތް ކޮށްގެންކަމަށް އިމްރާން ވިދާޅުވިއެވެ.
ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނީ އަމިއްލަ މަސްލަހަށްވުރެ ޤައުމީ މަސްލަހަތު އިސްކުރާ، ރައްޔިތުން (ވަކިން ޚާއްސަކޮށް ސިޔާސަތު ކަނޑައަޅާ) ގިނަވެގެން.
– އިމްރާން ވިދާޅުވިއެވެ.
ކޯލިޝަން ދެމެހެއްޓުމުގެ އެންމެ ވަރުގަދަ އެއް މޭސްތިރި ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ނަޝީދަށް އަމާޒުކޮށްފައެވެ. ޤާސިމް ވިދާޅުވީ ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ ވޯޓަކުން %50 އާއި 1 ވޯޓު ނުލިބޭނެކަން ޔަގީން ވާތީ ކަމުގައެވެ.
ގާސިމް ފާހަގަ ކުރެއްވި ގޮތުގައި، ބަރުލަމާނީ ނިޒާމަކީ، ކާލެވުނު ވަރަކަށް ކާލައިގެން ތިބެން ވަރަށް ރަގަޅު ނިޒާމެއް ކަމުގައެވެ. ގާސިމް ވިދާޅުވީ ރާއްޖޭގައި މިއޮތް ގާނޫނު އަސާސީން ކަޑައަޅާފައި އޮތީ މަސްހުނި ނިޒާމެއް ނޫންކަމަށާއި، ގާނޫނު އަސާސީން ގެނެސްދީފައި އޮތް ރިޔާސީ ނިޒާމަކީ، ރައްޔިތުން ގާތަށް ވެރިކަމުގައި ހުންނަ މީހަކު ގޮސްގެން، އެމީހުންގެ ހާލު އަހުވާލު ބަލަން ޖެހޭ އަދި ވެރިއަކަށް ހުންނަ މީހަކުން ރައްޔިތުން އެދޭ ކަންކަން ކޮށްދޭން މަޖުބޫރު ކުރުވާ ނިޒާމެއް ކަމުގައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.