ވެރިކަމަށް ދެ އަހަރާއި ބައިވެގެންދާއިރުވެސް ރައްޔިތުންނަށް ފެންނައޮތް ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުން ސަރުކާރަށް ވޯޓުދީގެ އަދި މަޖިލިސް މެމްބަރުންނަށް ވޯޓުދީގެން އިންތިޚާބުކުރި އެންމެ ބޮޑު ސަބަބަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުންކަމަށެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ވެގެންދާއިރުވެސް ބޯހިޔާ ވަހިކަމުގެ ސިޔާސަތުވެސް ފެންނަން ނެތްކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މިތާގައި މަޖާކޮށް ސަކަރާތްވެސް ޖެހިދާނެ. އަޅުގަނޑުމެން މިމަޖިލީހަށް ހޮވިގެން އައީ ރައްޔިތުން އެދުނު ކަންކަން ކޮށް ދިނުމަށް. އަޅުގަނޑު މިތަނަށް އައީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން. އިއްޒަތްތެރި ރައީސް މިއަދާއި ހަމަޔަކަށް ނެތޭ ޕްލޭނެއް. މިއަދާއި ހަމައަށް ނެތޭ އަޅުގަނޑުމެންނަށް ފެންނަން ސާފު، ވެށިފަހި މާލެއަށް ކުރި އުންމީދެއް ނެތޭ. ފެންނާކަށްނެތޭ.
– ބޮންޑޭ ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި ގިނަ ދުވަސްތަކެއް ވަމުންދާތީ ގިނަބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ސާފު އައުލަބިއްޔަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ވަނީ ދީފައެވެ. މާލެ ސިޓީން އެމްޑީޕީއަށް މިފަހަރު ބޮޑު ނާކާމިޔާބީއެއް ލިބިފައިވަނީ ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތައް ނުފުއްދުމުންކަމަށް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާއިރު، ރައީސް ޞާލިހު ވިދާޅުވީ މިދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓް އަޅައި ދެއްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ