މަޖިލިސް މުހައްމަދު ނަޝީދު ބޮޑުވަޒީރަކަށް ބޭނުންވާކަމަށް ވިދާޅުވެ ރައީސް ޞާލިހަށް ކުރެއްވި މެސެޖުގައި ސާފު ބަހުން ވިދާޅުވެފައިވަނީ އަވަހަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށް ކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަލާމު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނަޝީދުގެ މެސެޖާއި ގުޅިގެން މަލީހު ވިދާޅުވީ ވީޓީވީގެ ބޮޑު ފެންޑާގައި އެދުވަހު ދެއްކި ވާހަކައިގެ ހަގީގަތް ރައްޔިތުންނަށް މިއަދު ސާފުވާނެކަމަށެވެ. ނަމަވެސް ރައްޔިތުން މިވެރިކަމަށާއި، ނަޝީދަށް ބޮޑުތަނުން ނިމިދިޔަ އިންތިޚާބުގައި ނޫނެކޭ ބުނެފައިވަކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.
ބުޅާ ގޯނިން ބޭރުވެއްޖެ. ވީޓީވީވެ ގޮނޑިކޮޅު ޕްރޮގުރާމްގައި ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވާހަކަދެއްކީމަ ރައީސް ނަޝީދަށް ހަޖަމްނުކުރެވުނު. ޖެހިގެން އައި އިންތިޚާބުގަ މަނިކުފާނަށް ރައްޔިތުން ނޫނެކޭ ބުނެފި. ބަރުލަމާނީގެ ހިޔަނީގެ ވެރިކަމަށް އަރަން ތިޔަ ކުރައްވާ ކަމަކީ ހިކިފަސްތާ ބަކަތެޅުން.
– މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މަޖިލިސްގެ ސުޕަމެޖޯރިޓީއާއި، ވެރިކަމުގެ ބާރާއި، ޖުޑިޝަރީގެ ބާރުވެސް އިވެ ބޮޑުވަޒީރުކަން ބޭނުންވެގެންކަމަށް ބުނެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވަނީ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީގެ ސުޕާރ މެޖޯރިޓީ މަޖިލީހުގެ އޮވެ އެޕާޓީގެ ފަރާތުން މަޖިލިސް ރައީސަކަށް ހުރި ބޭފުޅާ ރައީސުލް ޖުމްހޫރިއްޔާ އަރިހު ރީތިބަހުން އިސްތިއުފާދެއްވާށޭ މިވިދާޅުވަނީ. އަދި ތިމަންނާޔާ ވެރިކަން ހަވާލުކުރާށޭ ބުނީމަ އެހުރީ ހަމަ ހަޤީޤަތުގަވެސް ވެރިކަމަށް ފެންބޮވާފަ.
– މަލީހު ވިދާޅުވިއެވެ.
ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންފުޅު ވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެތައްބަޔަކު ދަނީ ނަޝީދުގެ މި ޚިލާފުފުޅަ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ