ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކުފޫހަމަވާ ބޭފުޅެއްނޫން: ޒައިދު

ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކުފޫހަމަވާ ބޭފުޅެއްނޫން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 10:14
0

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކުފޫ ހަމަވާވަރުގެ ބޭފުޅެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނި ވަޑައިގަންނަވާ ޝައިޚު ޒައިދު ވިދާޅުވީ ނަޝީދުގެ މާޒީން ދިވެހިން ވަރަށް ގިނަ ކަންކަން ދަސްވެ ތަޖުރިބާ ކުރެވިފައިވާކަމަށެވެ. ރައީސް ނަޝީދަކީ އިސްލާމްދީނައި، އިސްލާމީ އުސޫލުތަކާއި ދުރު ބޭފުޅެއް ކަމަށާއި، ނަޝީދު ގެންގުޅުއްވާ ސިޔާސަތަކީ ދީނާ ބީރައްޓެހި ސިޔާސަތެއް ކަމަށެވެ. މިފަދަ ބޭފުޅަކު އިސްލާމީ ޤައުމެއްގެ ވެރިކަމަށް ކުފޫ ހަމަވާނެ އެއްވެސް ގޮތެއް ނެތްކަމަށް ޝައިޚު ޒައިޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިޔަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެއްނޫން. "L" ޖަމްއިއްޔާ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އެބައިމީހުން ދިފާއު ކުރެއްވީވެސް ރައީސް ނަޝީދު! މިއީ ކުޑަ މައްސަލައެއް! "R" ހަނދާން އެބަހުރި! ރައީސް ނަޝީދުގެ އައިިއޮލޮޖީތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ! ވީމާ ސޮރީއޭ ދެންނެވޭނީ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރައީސް ނަޝިދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ. ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، އަދި މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.