މިހާރު އޮތް ނިޒާމުގެ ތެރެއިން މަޖިލިސް ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ނުދެވޭނެ

މިހާރު އޮތް ނިޒާމުގެ ތެރެއިން މަޖިލިސް ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ނުދެވޭނެ

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 09:22
0

މިހާރު އަަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ތެރެއިން، މިހާރު އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލުލަމާނީ ނިޒާމަކަށް ނުދެވޭނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގަތުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނީ އުސޫލުން ބޭރުން ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެކަމަށެވެ.

ބޮޑުވަޒީރަކަށް ތިމާ ޝައުގުވެރިވި ކަމުގައި ވީނަމަވެސް އެކަން ކުރެވޭނެ އުސޫލުތަކާއި ހަމަތައް އޮންނަ ކަމަށާއި އުސޫލުން ބޭރުން ޤާނޫނުތަކުގެ ބޭރުން އެކަން ކުރަން ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި މިހާރު އޮތް މަޖިލިސް ތެރެއިން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހިން ބަލައިގަތް ދުސްތޫރާއި ޚިލާފް ކަމެއްކަމަށްވވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ؛ 1- ދުސްތޫރީ ހަމަތަކުގެ މަތިން ބަރްލަމާނީ ނިޒާމެއް ޤާއިމުވުން. 2- އަލަށް އުފެދޭ ބަރްލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިޚާބުކުރާ މަޖިލީހުގެ %50 މެޖޯރިޓީ ލިބޭ ޕާޓީ/ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވުން. މިނޫންގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން. ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ.

– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.