ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި 2017 ވަނަ އަހަރު ތޫނު އެއްޗަކުން ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސް އަށް ދީފައިވާ ހަމަލާތަކަކީ ވަގުތުން މަރުވެދާނެފަދަ ހަމަލާތަކެއްކަމަށް އޭނާ ބެލި ޑޮކްޓަރު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އަނަސް އަށް ހަމަލާދީފައިވަނީ ސައިކަލުތަކެއްގައި އައި 4 މީހަކުކަމަށާއި، އޭނާއަށް ހަމަލާ ދިނުމަށްފަހު ވަގުތުން ފިލާފައިވާކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. މިމައްސަލާގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ.ފޭދޫ ވެސްޓަންވިލާ ޙަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުޙައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު ޢަބްދުﷲ އާއި، މ. ދިމިޝްގު އުޘްމާން ޝަރީފް އާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު ޢަބްދުއްރައްޒާގްގެ މައްޗަށެވެ.
ގިނަ ދުވަސްތަކަކަށްފަހު އަނަސްގެ މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އަނަސްގެ ހަށިގަނޑު އޭޑީކޭއަށް ގެންދިއުމުން އޭނާ ބެލި ޑޮކްޓަރެވެ. ޑޮކްޓަރު ވިދާޅުވީ އަނަސްގެ ހަށިގަނޑު ހޮސްޕިޓަލށް ގެނައުމުން ބެލިއިރުވެސް ހަށިގަނޑުގައި ވިންދު ނެތްކަމަށާއި، އޭނާދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަޚަމްތައް ހުރިކަމަށާއި، އަނަސްއަށް ދީފައިވަނީ ވަގުތުން މިހާ މަރުވާފަދަ ޒަކަމްތަކެއްކަންވެސް ޑޮކްޓަރ މިއަދުގެ ޝަރީޢަތުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އަނަސް މަރުވެފައިވަނީ ދިން ހަމަލާތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބި ހިތް ހުއްޓިގެންކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
މިއަދުގެ ޝަރީޢަތުގައި އޮތީ އަނަސް ބެލި ޑޮކްޓަރުގެ ހެކިބަސް ނެގުން އެކަންޏެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ގާޒީ ވަނީ ނިންމަވާލައްވާފައެވެ.
2017ވަނަ އަހަރު އަނަސް މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށާއި، އޭނާ މަރާލާފައިވަނީ އޮޅިގެންކަމަށް މިހާތަނަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ރ.އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބައްލަވާ މަރުގެ 25މައްސަލައިގެ ތެރޭގައި އަނަސްގެ މައްސަލަވެސް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އަނަސްގެ މަރުގެ މައްސަލާގައި ޢާއިލާއަށް އިންޞާފް ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ