ފުލުހުންގެ ކުރަމުންދާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފިއެވެ.
ކަރެކްޝަނުން ބުނެފައިވަނީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ފުލުހުންގެ ތަހުގީގަކަށް ކަމަށެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް ކަރެކްޝަނުން ނުދެއްވައެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކޮށްފައިވައިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ.
މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.
އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އޭސީސީއަށް ނޭގި މި ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ބަދަލުކުރައްވާ އެ ފައިސާއިން މަނީ ލޯންޑަރކުރިކަން ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ