ޔާމީން ހިންގި ހުރިހާ ޖަރީމާއެއް އިބޫ ބޮލަށް ޖަހާފައި އަންނި މިހުރީ ހުދު ހެދުމުގައި: އިބްރާ

ޔާމީން ހިންގި ހުރިހާ ޖަރީމާއެއް އިބޫ ބޮލަށް ޖަހާފައި އަންނި މިހުރީ ހުދު ހެދުމުގައި: އިބްރާ

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2021 09:41
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ހުރިހާ ޖަރީމާއެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޮލަށް ޖެހުމަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުންނެވީ ހުދު ހެދުމުގައި ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގިކަމަށް ބުނާ ޖަރީމާތަކުގެ ތުހުމަތު އެމްޑީޕީން ޚާއްސަކޮށް ރައީސް ނަޝީދު ގެންދެވީ ރިޔާސީ އިންތިޚާބުގެ ދުވަސް ވަރުގައި ކުރައްވަމުންނެވެ. ތަފާތު އެކި ވައްކަމުގެ މައްސަލަތަކާއި، އަނިޔާގެ މައްސަލަތަކާއި މިނޫންވެސް އެކިއެކި މައްސަލަތަކުގެ ވާހަކަ އޭރު އިނގިރޭސި ވިލާތައް އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ރައީސް މުހައްމަދު ނަޝީދު ގެންދެވީ ކުރައްވަމުންނެވެ.

ރައީސް ނަޝީދު ވަނީ އޭރު އޮތް ރައީސް ޔާމީންގެ ވެރިކަން ބަދަލުވެއްޖެނަމަ އެހުރިހާ ކަމަކަށް އިންސާފު ހޯދައި ދޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީން އޭރުވަނީ މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މެނިފެސްޓޯއެއްވެސް އެކުލަވާލާފައެވެ.

ކައުންސިލް އިންތިޚާބުގެ ނާކާމިޔާބީއާއި ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވި އެއްސަބަބަކީ ވެފައިވަ ވައުދުތައް ނުފުއްދުމެވެ. ވެރިކަމަށް ދެ އަހަރާއި ބައި ވެގެންދާއިރުވެސް މަރުތަކަށް އިންސާފު ނުލިބުމާއި، ވައްކަމުގެ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލޭކަމަށް މިހާރުވެސް އެމްޑިޕީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ މިހުރިހާ ކަމެއްގެ ޒިންމާ ރައީސް ޞާލިހުގެ ބިލަށް ފައްތާފައި ރައީސް ނަޝީދު މިއަދު ހުންނެވީ ހުދު ހެދުން ތުރު ކުރައްވައިގެންކަމަށެވެ.

ޔާމީން އަބްދުލް ޣައްޔޫމް ހިންގި ހުރިހާ ޖަރީމާއެއް އިބު ބޮލަށް ފައްތާފައި އަންނި މިހުރީ ހުދު ހެދުމުގައި. ބަލާލަން ވަރަށް ފައްކާ މަންޒަރެއް.

– އިބްރާ ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށް އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އޭރު ވެވަޑައިގެންނެވި ގިނަ ކަންކަން ތަންފީޒު ނުވުމުގެ ޒިންމާ ރައީސް ނަޝީދު ގެންދަވަނީ ނުސީދާ ގޮތެއްގައި ރައީސް ޞަލިހުއާއި، ސަރުކާރުގެ ބޮލުގައި އަޅުވަމުންނެވެ. ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ކުރިން ދެއްކެވި ވާހަތަކެއްގައި މިސަރުކާރަކީ ވަގު ސަރުކާރެއްކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.