ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ އަލުން ދޭން ފެށިފަހުން މިހާތަނަށް 29 ތަނަކަށް ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާޗް މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ މި މަހުގެ15 ވަނަ ދުވަހުއެވެ. ކޯވިޑް ގެ ޙާލަތާއި ގުޅިގެން ގެސްޓް ހައުސްތައް ބަންދުކުރިތާ 212 ދުވަސްފަހުން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއި އެކުގައެވެ. އެގޮތުން ގެސްޓު ހައުސްތައް ހިންގުމުގެ ހުއްދަ ދެމުންދަނީވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އަދި ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ވުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ 4 އަތޮޅަކުން 9 ރަށެއްގައި ހުރި 29 ގެސްޓުހައުސްއަކަށް އަލުން ހުޅުވައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ވަނީ ދީފައެވެ.
ގެސްޓް ހައުސް ހިންގުމުގެ ހުއްދަ އަލުން ދީފައިވާ ރަށްތައް:
- ނ. ފޮއްދޫ
- ކ. ހުރާ
- ކ. މާފުށި
- ކ. ގުރައިދޫ
- އއ. މަތިވެރި
- އއ. އުކުޅަސް
- އއ. ތޮއްޑޫ
- ވ.ތިނަދޫ
- ވ. ފުލިދޫ
ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ ދިނުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގެސްޓް ހައުސްތަކުގައި ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭން ވެސް ޖެހެއެވެ. އަދި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދޫކުރަނީ އެ ރަށެއްގަިއ ގެސްޓް ހައުސް ހިންގުމަށް ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަން މިނިސްޓްރީއަށް އެންގުމުން، ހުއްދައަށް އެދޭ ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކާއި އެތަންތަނުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމަށް ފަހުގައެވެ.
ފަތުރުވެރިންނަށް ޚިދުމަތްދޭ ރަށްރަށުގައި އާންމުން ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.