ޤިޞާޞް ހިފުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކެވި ވާހަކަތައް ތަހުޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކައުންސިލް ކެމްޕެއިންގައި އެމްޑީޕީ އޮފީސް ކުރިމަތި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފަން ކަމަށްބުނެ ޤިޞާޞް ހިފުނުމުގެ ނަމުގައި ކެބިނެޓަށް ކަރުދާސް ހުށަހަޅައި ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅައިގެން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިއީ އެކާވީސް ވަނަ ޤަރުނަށްވާއިރު މިފަދަ ކަންކަން ހުށަހެޅި ސިކުބަޔަކު މިއަދު ކަންކާއި ކުރިމަތިލާކަމީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.
ވަހީދުގެ ވާހަކަތާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ޤިޞާޞް ހިފުމާއި ގުޅޭގޮތުން ވަހީދު ދެއްކެވި ވާހަތަކަކީ ޖާހިލު ވާހަތަކެއްކަމަށެވެ. މަރަށް މަރު ހިފުމަކީ މިއަދުވެސް ކުރިއަރާފައިވާ އެތައް ޤައުމެއްގައި ކުރާ ކަމަކަށްވާއިރު މިކަން ގޯސް ކަމަކަށް ހަދައި އިސްލާމީ ހައްދުތައް އޮޅުވާލަން އުޅުމަކީ ބޮޑު ކުށެއްކަމަށެވެ. އަދި މިއީ ޖިނާއީ ބޮޑު ކުށަކަށްވާއިރު، މިކަން ތަހުގީގުކޮށް އޭނާއާއިމެދު ފިޔަވަޅު އެޅުމަށް ޑރ.ޖަމީލް ވަނީ ގޮވާލާފައެވެ.
ޤިޞާޞް ހިފުމާ ގުޅޭގޮތުން މުހައްމަދު ވަހީދު ދެއްކެވީ ޖާހިލް ވާހަކަތަކެއް. މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ޤައުމެއްގައިވެސް ދޭ އަދަބެއް. ވައްޑޭ ކުރީ ޖިނާޢީ ކުށެއް، ތަޙްޤީގްކޮށް ފިޔަވަޅުއަޅަންޖެހޭ. އޭނާގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން ބޮޑު.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު (ވައްޑެ) ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން މަސައްކަތްކުރާކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ބުނެފައެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބަޔާނުގައި އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށްވެސް އެމްޑީޕީ ޕާޅިމަންޓްރީ ގްރޫޕުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ