ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލައަކީ އެޗްއާރުސީއެމުން ބަލަމުންދާ މައްސަލައެއްކަމަށެވެ. އަދި ރޭ 10 ޖަހާ އެހާކަންހާއިރު މި މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ކޮމިޝަންގެ ޓީމެއް ދޫނިދޫއަށް ރޭ ދަންވަރު ޒިޔާރަތްކޮށްފައިވާކަމަށެވެ.
އެޗްއާރުސީއެމްއިން ޖަލަށް ގޮސް އަނިޔާ ލިބުނުކަމަށް ބުނާ ފަރާތާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށާއި، ކޮމިޝަނުން މި މައްސަލަ ބަލަމުންދާކަން އާއިލާއަށްވެސް ސާފްކޮށްދީފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ. މި މައްސަލަ އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާނެކަމުގައި އެކޮމިޝަނުން ވަނީ ބުނެފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ އަޙްސަން ބަހައްޓާފައި ހުރި ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް “ކެމެރާ ބްލައިންޑް” ކުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަޙްސަން މުޙައްމަދަށް އެންގިކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި، މާރާމާރީ ހިންގުމުން، ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވެއެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވާކަމަށް ފުލުހުން ވަނީ ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯއާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި އެކަން ބަލަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ